ޖުމުލަ 11 މެންބަރުން ތިއްބަވާ، ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން ހުށަޅާ އަށް ޑިރެކްޓަރުންގެ ތެރެއިން ދެ ޑިރެކްޓަރަކު ނުހިމަނައި ޖުމުލަ ނުވަ ޑިރެކްޓަރުންނާ އެކު އާ ބޯޑަށް ހިއްސާދާރުން ރުހުން ދީފި އެވެ.

ގައުމީ ބޭންކުގެ ބޯޑަށް ޑިރެކްޓަރުން އައްޔަން ކޮށްފައި ވަނީ، ރޭ ބޭއްވި އެ ބޭންކުގެ 30 ވަނަ އަހަރީ އާންމު ޖަލްސާގަ އެވެ.

ސަރުކާރުގެ ފަރާތުން އަށް މެންބަރު އަދި އާންމު ހިއްސާދާރުންގެ ފަރާތުން ތިން މެންބަރުންނާ އެކު ޖުމުލަ 11 މެންބަރުން ތިއްބަވާ ބޯޑަށް ސަރުކާރުގެ ފަރާތުން އަދި ހަމަޖައްސަވާފައި ވަނީ ހަ މެންބަރުނެންވެ. އެގޮތުން ޗެއާމަނަކާއި އިތުރު އެއް ޑިރެކްޓަރުގެ ނަން، ސަރުކާރުން ހުށަހަޅާފައެއް ނުވެ އެވެ.

އާންމު ހިއްސާދާރުންގެ ބޮޑު އަޣްލަބިއްޔަތަކުން ރުހުން ލިބިފައިވާ ބޯޑަށް، ސަރުކާރުގެ ފަރާތުން ނޮން އެގްޒެކެޓިވް ޑިރެކްޓަރުންގެ ގޮތުގައި ހަމަޖައްސާފައި ވަނީ، ބީއެމްއެލްގެ ސީއީއޯ އަކަށް ދާދި ފަހުން ހަމަޖެއްސި ބޭންކިން ދާއިރާގައި ތަޖުރިބާތަކެއް ހާސިލްކޮށްފައިވާ އަޔަލެންޑްގެ ބޭފުޅެއް ކަމަށްވާ އެންޑްރޫ ހީލީ އާއި، ބީއެމްއެލްގެ އޮޕަރޭޝަން ޑައިރެކްޓަރު މ. އިފާއު، މުހައްމަދު ޝަރީފު އެވެ.

ނޮން އެގްޒެކެޓިވް ޑައިރެކްޓަރުންގެ ގޮތުގައި ސަރުކާރުން ހަމަޖައްސާފައިވާ ހަތަރު ބޭފުޅުންނަކީ، އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު ގ. އެކްރާ، އަބްދުލް ހާރިސްއާއި ޒިބްރާ ކްރޮސްގެ މެނޭޖިން ޑިރެކްޓަރު، މއ. ދިލާސާގެ، މުހައްމަދު ލުވޭޒު އާއި ސިވިލް ސާވިސް ކޮމިޝަންގެ ޑިރެކްޓަރު ޖެނެރަލް މއ. އަޅިވިލާ، މުރުތަޟާ މުހައްމަދު ދީދީ އާއި ސަން އައިލެންޑް ރިޒޯޓް އެންޑް ސްޕާގެ ހެޑް އޮފް އެކައުންޓްސް އެންޑް ފައިނޭސް ފ. ނިލަންދޫ، ތުނޑީގޭ މުހައްމަދު އުމަރު އެވެ.

ބީއެމްއެލްގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން ހޮވާ ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލައްވާފައި ވަނީ ވެސް އެންމެ ތިން ބޭފުޅުންނެވެ. އެގޮތުން ވާދަވެރިކަމަކާ ނުލައި، ހިއްސާދާރުންގެ ރުހުން ލިބިފައިވާ ތިން ޑިރެކްޓަރުންނަކީ ކުރިން ވެސް ބޯޑުގައި ތިއްބެވި ކޮކޯ ހަޓްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު މއ. ޓިއުލިޕްވިލާ މުހައްމަދު އަބްދުއް ސައްތާރުއާއި ޓްރޮޕިކަލް އައިލެންޑް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ނ. ހޮޅުދޫ ނެލުމް އިބްރާހީމް މުހައްމަދުއާއި އަދި އަލަށް ބޯޑަށް ކުރިމަތިލެއްވި ކިހަށް ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މާކެޓިން އެގްޒެކެޓިވް އަދި އެސިސްޓަންޓް މެނޭޖިން ޑިރެކްޓަރު މ. ކުރިނބީލޮޖް އިސްމާއީލް މުޚްތަބާ އެވެ.

އަލަށް ހޮވުނު ބޯޑުގައި އާންމު ހިއްސާދާރުން ވަނީ، ބޭންކުން މިހާރު ވެސް ފޯރުކޮށްދެމުން ގެންދާ ގިނަ ހިދުމަތްތަކުގެ ފެންވަރު މިހާރަށް ވުރެ ރަނގަޅުކޮށް ދިނުމަށް އެދިފަ އެވެ.