ތަފާތު ގިނަ ބާވަތްތަކުގެ ފޮތްތަކާއި ސްޓޭޝަނަރީޒް ހެޔޮއަގުގައި އާންމުންނާ ހަމައަށް ފޯރުކޮށްދިނުމަށްޓަކައި، 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ބުކްފެއާއެއް އިރާއީ ބުކްޝޮޕުން ކުރިއަށް އެބަގެންދެ އެވެ.

"އިރާއީ ބުކް ސޭލް 2014"ގެ ނަމުގައި މިމަހުގެ އެކަކުން 10 އަށް ކުރިއަށް ގެންދާ މި ހާއްސަ ބުކް ސޭލްގައި ތަފާތު އުމުރު ފުރައާ ގުޅޭ އެކިއެކި ކެޓަގަރީތަކުގެ 3500 އަށް ވުރެގިނަ "ވެރައިޓީސް" އެކުލެވޭ ކަމަށް އިރާއީ ބުކްޝޮޕުން ބުންޏެވެ.

އިރާއީ ބުކްޝޮޕުގެ މެނޭޖިން ޑައިރެކްޓަރު ޔޫސުފް ޒުހުރީ މިއަދު ސަންއަށް ވިދާޅުވީ، މިފަހަރުގެ ބުކްފެއާ އަށް އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ.

"ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އެބަދޭ. އަޅުގަނޑުމެންނަށް ބުކްފެއާ ރަނގަޅަށް އިޝްތިހާރު ކޮށްނުލެވި ފެށުނީ. އަތޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކާއި ގިނަ ބަޔަކަށް އަދި ކިރިޔާ މި ބުކްފެއާގެ މައުލޫމާތު ލިބުނީ. އެހެންވެ ވަރަށް ގިނަ ފަރާތްތަކުން މިހާރުވެސް އެދެމުން އެބަގެންދޭ މުއްދަތު އިތުރު ކުރުމަށް،" ޒުހުރީ ވިދާޅުވި އެވެ. "މިހާރު 10 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދަން ނިންމާފައި އޮތް ނަމަވެސް، އަޅުގަނޑުމެން އެބަ ވިސްނަން މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ސޭލް ކުރިއަށް ގެންދަން."

ޒުހުރީ ވިދާޅުވީ، މި ބުކްފެއާގައި އެންމެ ޅައުމުރުގެ ކިޔަވާކުދިންނަށް ބޭނުންވާ ފޮތްތަކުން ފެށިގެން ތަފާތު އުމުރު ފުރައިގެ މީހުންނާ ގުޅޭ ދިވެހި އަދި އެންމެ ފަހުގެ އިނގިރޭސި ވާހަކަ ފޮތްތައް ވެސް ލިބެން ހުންނާނެ ކަމަށެވެ. މީގެ އިތުރުން ދިވެހި އަދި އިނގިރޭސި ބަހުން ލިޔެފައިވާ ދީނީ ފޮތްތަކާއި، މަތީ ތައުލީމަށް ކިޔަވާ ކުދިންނަށް ބޭނުންވާ ރިސާޗް ފޮތްތައް ވެސް މި ބުކްފެއާ ގައި ލިބެން ހުންނާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މި ބުކްފެއާގައި އަދި ވަރަށް ހައްސަ އެއް ކަމެއް އެބައޮތް. އެއީ، ބުކްފެއާ ފެށުނު ދުވަހުވެސް ލިބެން ހުރި ހުރިހާ ބާވަތެއްގެ ފޮތެއް މިހާރުވެސް ހުންނާނެ. އަދި އަޅުގަނޑުމެން މިދަނީ، ހަމަ ކޮންމެ ދުވަހަކުހެން މި ސޭލްގައި އާ ފޮތްތައް ވެސް ހިމަނަމުން،" ޒުހުރީ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، އިރާއީ ބުކް ސޭލްއިން ތަކެތި ބައްލަވައިގަންނަވާ ފަރާތްތަކަށް، ވަކިވަކިންނާއި ގަނޑުކޮށް ވެސް ތަކެތި ލިބިވަޑައިގަންނަވާނެ ކަމަށެވެ. އަދި ސޭލްގައި ނުހިމެނޭ ތަކެތި ވެސް އާންމު އަގުތަކަށް ވުރެ ހެޔޮ އަގެއްގައި ލިބެން ހުންނާނެ ކަމަށެވެ.


އިރާއީ ބުކްޝޮޕް ހުންނަނީ، ބުރުޒު މަގުން ގަލޮޅު ސިނަމާލެ 1 ކަންމައްޗަށް ވާގޮތަށް ބުރުޒުމަގުގައި ސިނަމާލެ ހުންނަ ފަޅިނޫން އަނެއްފަޅީގަ އެވެ.