މިއަހަރުގެ މާޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލިހުގެ އިންތިޚާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ކޮމާންޑަރު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއީލް ނަވީން އާއި ޑެޕިއުޓީ ކޮމާންޑަރު، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް ސިޔާސީ ޕާޓީތަކުގެ އިސް މަންދޫބުންނާ ބައްދަލުކުރައްވައިފިއެވެ.

މިދިޔަ ބުދަ ދުވަހުގެ މެންދުރު ފަހު އިސްކަންދަރު ބިލްޑިންގގައި އޮތް މި ބައްދަލުވުމުގައި ޕީޕީއެމް އާއި އަދާލަތު ޕާޓީ އާއި އެމްޑީއޭ އާއި ޖޫމްހުރީ ޕާޓީ އާއި ޑީއާރްޕީގެ އިތުރުން އެމްޑީޕީ ގެ މަންދޫބުން ބައިވެރިވެފައިވެއެވެ.

މި ބައްދަލުވުމުގައި އޮޕަރޭޝަން ކޮމާންޑަރ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއީލް ނަވީން ދެއްކެވި ވާހަކަފުޅުގައި މަޖިލިސް އިންތިޚާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ބޭނުންމަކީ އިންތިޚާބު ބޭއްވުމަށް އަމާން މާހައުލެއް ގާއިމްކޮށްދިނުންކަމަށް ވިދާޅުވިއެވެ. މިހެންކަމުން މިކަމަށް ހުރިހާ ސިޔާސީ ޕާޓީތަކުގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަމަށްވެސް ވިދާޅުވިއެވެ.

މާލޭގައި ހަރުކޮށްފައިވާ ކެމެރާތަކަކީ ފުލުހުންގެ މަސައްކަތުގައި ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ވަސީލަތެއްކަން ފާހަގަ ކުރައްވަމުން އެއްވެސް ފަރާތުން ކެމެރާތައް ހަރުކޮށްފައިވާ ހޮޅި ދަނޑިތައް ކޭމްޕޭން ބެނާ ފަދަ ތަކެތި ދެމުމަށް ބޭނުން ނުކުރުމަށް އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ޑެޕިއުޓީ ކޮމާންޑަރު ދެއްކެވި ވާހަކަފުޅުގައި މަޖިލިސް އިންތިޚާބުގެ ސަލާމަތީކަންކަން ބެލެހެއްޓުމަށް އަތޮޅުތަކަށް ފުލުހުން ފޮނުވަމުންދަނީ އެސެސްމަންޓްތައް ހެދުމަށްފަހުގައި ކަން ފާހަގަކުރެއްވި އެވެ. އަދި އިންތިޚާބާއި ގުޅިގެން ފުލުހުން ކަނޑައަޅާފައިވާ ފޯކަލް ޕޮއިންޓަކީ އިންތިޚާބާއި ގުޅޭގޮތުން ފުލުހުންނާ މުއާމަލާތްކުރުމަށްޓަކައި ކަނޑައަޅާފައިވާ ބޭފުޅެއްކަން ފާހަގަކުރައްވިއެވެ.

މަޖިލިސް އިންތިޚާބާ ގުޅިގެން ފުލުހުންނާ މުއާމަލާތްކުރުމަށްޓަކައި ޕޯކަލް ޕޮއިންޓެއް ކަނޑައެޅައި ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކަށް ވަނީ އެ ފޯކަލް ޕޮއިންޓް ތައާރަފްކޮށްދީފައެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ސިޔާސީ ޕާޓީތަކުގެ މަންދޫބުން ވަނީ އިންތިޚާބު ބޭއްވުމަށް އަމާން މާހައުލެއް ގާއިމްކުރުމުގެ ގޮތުން ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.