07 Feb 2014, 11:56
އިސްލާމްއާބާދު (ފެބްރުއަރީ 7) : ޕާކިސްތާނުގެ ދައުލަތާ ދެކޮޅަށް ހަނގުރާމަ ކުރަމުންގެންދާ އެންމެ ބޮޑު ޖަމާއަތް ކަމަށްވާ ތާލިބާން ޖަމާއަތާއި ޕާކިސްތާން ސަރުކާރާ ދެމެދު ސުލްޙައިގެ ވާހަކަތައް އަލުން ފަށައިފިއެވެ.
ސުލްހައިގެ ވާހަކަތައް އިއްޔެ އަލުން ފަށާފައިމިވަނީ މިދިޔަ އަންގާރަ ދުވަހު ފަށަން މަސައްކަތްކުރި ވާހަކަތަކަށް ބައެއް ހުރަސްތައް ކުރިމަތިވެގެން އެދުވަހު ވާހަކަތައް ކުރިޔަށް ގެންދެވޭނެގޮތްނުވެ ހުއްޓުން އަރާފައިވަނިކޮށެވެ.
ޕާކިސްތާނުގެ މަސްއޫލުވެރިއެއް ކަމަށްވާ ޢިރްފާން ސަދީގީ ވިދާޅުވީ ސުލްޙައިގެ ވާހަކަތަކުގައި ބައިވެރިވާ ޕާކިސްތާން ސަރުކާރުގެ ވަފްދާއި ތާލިބާން ޖަމާއަތުގެ ވަފްދުގެ ބޭފުޅުން އިސްލާމް އާބާދުގައި އިއްޔެ ބައްދަލުކޮށްފައިވާ ކަމަށާއި މައްސަލައެއް ކުރިމަތިނުވެ އިއްޔެގެ ސެޝަން ނިންމާލާފައިވާ ކަމުގަ އެވެ. ނަމަވެސް ސުލްހައިގެ ވާހަކަތައް ބޭއްވި ތަނެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.
ސުލްހައިގެ ވާހަކަތައް ފަށާފައިމިވަނީ ތާލިބާނުންނާ އެކު ސުލްޙައިގެ ވާހަކަތައް ފެށުމަށް ޕާކިސްތާން ސަރުކާރުން ތައްޔާރުވަމުން ގެންދަނިކޮށް ޑްރޯން މަތިންދާބޯޓުތައް ބޭނުންކޮށްގެން ޕާކިސްތާނަށް މިދިޔައަހަރުގެ ފަހުކޮޅު އެމެރިކާ ދިން ވައިގެ ޙަމަލާތަކެއްގައި ތާލިބާނުންގެ ކުރީގެ ޒައީމް ހަކީމުﷲ މަހްސޫދު އަވަހާރަވުމާ ގުޅިގެން އެތަށް މަހަކަށް މިކަން ލަސްވެގެން ދިޔުމަށްފަހުގަ އެވެ.
ތާލިބާން ޖަމާއަތާއި ޕާކިސްތާން ސަރުކާރާ ދެމެދު ސުލްޙައިގެ ވާހަކަތައް ފެށުމުގެ ބޭނުމަކީ ތާލިބާނުން ޕާކިސްތާނުގެ ދައުލަތާ ދެކޮޅަށް ކުރިޔަށްގެންދާ ހަނގުރާމަ ނިމުމަކަށް ގެނެސް ޕާކިސްތާނަށް ސުލްޙައާއި އަމާންކަން ހޯދައިދިނުން ކަމަށް ޕާކިސްތާން ސަރުކާރުން ބުނެއެވެ.
ތާލިބާނުން ސުލްޙަ ގަބޫލުނުކޮށް ހަރުކަށިކަން ކުރިޔަށް ނެރޭނަމަ އެޖަމާއަތާ ދެކޮޅަށް ހަނގުރާމަކުރުން ނޫންގޮތެއް ނޯންނާނެ ކަމުގެ އިންޒާރު ވެސް ޕާކިސްތާން ސަރުކާރުން ތާލިބާނުންނަށްވަނީ ދީފައެވެ. ތާލިބާނުން ޕާކިސްތާނުގެ ދައުލަތާ ދެކޮޅަށް ހަނގުރާމަ އިޢްލާންކޮށް ހަނގުރާމަ ކުރަންފަށާފައިވަނީ މައިގަނޑު ދެ ކަމާގުޅިގެން ކަމަށް އެޖަމާއަތުން ވަނީ ބުނެފައެވެ. އެއީ ތާލިބާނުން ބޭނުންވާ ގޮތަށް ޕާކިސްތާނުގައި އިސްލާމީ ޝަރީޢަތް ގާއިމް ނުކުރުމާއި ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި އިސްލާމީ ގައުމުތަކަށާއި ޕާކިސްތާނަށް އަމާޒުކޮށްގެން އެމެރިކާ ހިންގަމުން ގެންދާ އަނިޔާވެރި އަދި ހަރުކަށި އަމަލުތަކުގައި ޕާކިސްތާން ސަރުކާރު ބައިވެރިވެ އެމެރިކާއަށް އެއްބާރުލުން ދެމުން ގެންދިޔުމެވެ.
ޕާކިސްތާން ސަރުކާރުގެ ވަފްދާއެކު ސުލްޙައިގެ ވާހަކަތަކުގައި ބައިވެރިވާ ތާލިބާނުންގެ ވަފްދުގައި ހިމެނޭ އެޖަމާއަތުގެ އިސްބޭފުޅެއް ކަމަށްވާ މުއްލާ ޢަބްދުލްޢަޒީޒު ވިދާޅުވީ ތާލިބާނުން އެދޭގޮތަށް ޕާކިސްތާނުގައި އިސްލާމީ ޝަރީޢަތް ގާއިމްކޮށް ޝަރީޢަތާ އެއްގޮތަށް ހުކުމްތައް ތަންފީޒު ކުރުމަށް ސަރުކާރުން އެއްބަސްނުވާނަމަ ސުލްހައިގެ ވާހަކަތައް ކާމިޔާބުވުމުގެ އެއް ޕަސެންޓް ފުރްސަތުވެސް ނޯންނާނެ ކަމުގައެވެ.
މީގެއިތުރުން ޕާކިސްތާނަށް އެމެރިކާ ދެމުންގެންދާ ޑްރޯން ޙަމަލާތައް ހުއްޓާލައި ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި އެމެރިކާ އިން ޕާކިސްތާނާ ދެކޮޅަށް ހިންގާ ސްޓޭޓް ޓެރަރިޒަމްގެ ޢަމަލުތައް ހުއްޓުވާނެކަމުގެ ގެރެންޓީ ލިބިގެން ނޫނީވެސް ސުލްހައިގެ ވާހަކަތައް ކާމިޔާބު ވުމުގެ ފުރުސަތު ނޯންނާނެ ކަމަށް މުއްލާ ޢަބްދުލްޢަޒީޒު ވިދާޅުވެފައިވެއެވެ. (އަލްޖަޒީރާ)