07 Feb 2014, 11:44
ގާހިރާ (ފެބްރުއަރީ 7) : މިސްރުގެ ރިޔާސަތަށް ކުރިމަތިލެއްވުމަށް އެގައުމުގެ ދިފާޢީ ވަޒީރު އަދި އިންގިލާބީ ލީޑަރު ކަމަށް ސިފަކުރެވޭ ފީލްޑް މާޝަލް ޢަބްދުލްފައްތާޙް އައްސީސީ ނިންމެވިކަން އަދި އޭނާ އިޢްލާން ކުރައްވާފައިވާ ނުވާކަމަށް މިސްރު ސިފައިންގެ ތަރްޖަމާނަކު ވިދާޅުވެއްޖެ އެވެ.
މިސްރު ސިފައިންގެ ތަރްޖަމާނަކު ވިދާޅުވީ މިސްރުގެ ރިޔާސަތަށް ކުރިމަތިލެއްވިކަން ސީސީ ކަށަވަރުކޮށްދެއްވި ކަމަށްބުނެ ބައިނަލްއަގްވާމީ މީޑިޔާގައި ފެތުރިފައިވާ ވާހަކަތަކަކީ އޭނާ ވިދާޅުވެފައިވާ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި ރިޔާސަތަށް ކުރިމަތިލެއްވުމުން ފާޅުކަންބޮޑު ގޮތެއްގައި ސީސީ އެކަން ރައްޔިތުންނަށް އިޢްލާން ކުރައްވާނެ ކަމަށް މިސްރުގެ ޢަސްކަރީ ތަރްޖަމާން ވިދާޅުވިއެވެ.
މިސްރުގެ ދިފާޢީ ވަޒީރަކަށް އައުބޭފުޅަކު ޢައްޔަން ކުރުމާބެހޭގޮތުން ދިފާއީ ވަޒީރު ޢަބްދުލްފައްތާޙް އައްސީސީ މިސްރުގެ ވަގުތީ ރައީސް އަދްލީ މަންސޫރާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް އެގައުމުގެ ރިޔާސަތުން ވަނީ ބުނެފަ އެވެ.
މިސްރުގެ ރިޔާސަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިސްރުގެ ދިފާޢީ ވަޒީރަކަށް ޢައްޔަންކުރާނެ އެންމެ ރަނގަނޅު ޢަސްކަރީ ޝަޚްސިއްޔަތަކާބެހެގޮތުން ސީސީ އާއި ވަގުތީ ރައީސް ޢަދްލީ މަންސޫރު ވަރަށް ދިގުކޮށް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި ސީސީގެ ބަދަލުގައި އެމަގާމަށް ވަރަށް އަވަހަށް ބޭފުޅަކު އައްޔަން ކުރެވޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
މިސްރުގެ ދިފާޢީ ވަޒީރު ކަމަށް އަލަށް ޢައްޔަން ކުރުމަށް ހަމަޖެހިފައިވަނީ މިސްރު ސިފައިންގެ ޗީފް އޮފް ސްޓާފް ގެ މަގާމުގައި މިހާރު ހުންނެވި ޖެނެރަލް ސިދްގީ ސުބްޙީ ކަމަށް ރިޕޯޓްތައް ބުނެއެވެ. (އަލްޖަޒީރާ)