ކުރިއަށް އޮތް ދެ ހަފްތާއެއްހައި ދުވަހުގެ ތެރޭގައި ފިޓް ވެގެން އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭވަރު ވާނެކަމަށް މެންޗެސްޓާ ސިޓީގެ ބްރެޒިލް ސެންޓަރްލް މިޑްފީލްޑަރު ފެނާންޑީނިއޯ ބުނެފި އެވެ.

މިދިޔަ ހޯމަ ދުވަހު ޗެލްސީ އަތުން 1-0 އިން ސިޓީ ބަލިވި މެޗުގައި ފެނާންޑީނިއޯ ނެތްތަން ވަރަށް ބޮޑަށް ދައްކާފައިވާކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ގަބޫލުކުރެއެވެ. އެމެޗުގައި އޭނާގެ ބަދަލުގައި ކުޅުނީ އާޖެންޓީނާ ޑިފެންޑަރު މާޓިން ޑެމިޝެލިސް އެވެ.

ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން މަހެއްހާ ދުވަހަށް ފެނާންޑީނިއޯ ކުޅުމާ ދުރަށްދާން ޖެހިދާނެ ކަމުގެ ބިރާއި ސިޓީ ކުރިމަތިލާން ޖެހިފައިވާއިވީ ނަމަވެސް އޭނާ، ރަނގަޅުވަމުން އަންނަލެއް އަވަސް ކަމަން، މިމަހުގެ 18 ވަނަ ދުވަހު ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އާއި ދެކޮޅަށް ސިޓީ ކުޅޭ މެޗަށް އޭނާ ފިޓް ވާނެ ކަމަށް ބެލެވެ އެވެ.

"އަހަރެން ބޭނުން އަހަރެންގެ އިންޖަރީއާ ބެހޭގޮތުން ދެކެވޭ ވާހަކަތައް އޮޅުންފިލުވާލަދޭން. އަހަރެން އެނބުރި ކުޅެން ނުކުންނާނަން 15 ދުވަސް ނުވަތަ އެއަށް ވުރެވެސް އަވަހަށް،" ފެނާންޑިނިއޯ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވެ އެވެ.

ފެނާންޑިނިއޯގެ އެނބުރި އައުން ވެގެންދާނީ، މިހާރުވެސް އިންޖަރީގެ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ ސިޓީގެ މިޑްފީލްޑް ޑިޕާޓްމަންޓަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށެވެ.

ސީޒަންގެ އެންމެ މުހިއްމު ހިސާބުގައި، ސީޓީގެ ފްރާންސް މިޑްފީލްޑަރު ސާމިރު ނަސްރީ އާއި އާޖެންޓީނާ ފޯވާޑް ސާޖިއޯ އަގުއެރޯވެސް އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހޭދަކުރަން ޖެހުމުން މެނުއެލް ޕެލެގްރިނީއަށްވަނީ ދަތިތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.

ޕްރިމިއާ ލީގު ތާވަލުގެ އެއްވަނައިގައި 55 ޕޮއިންޓާއެކު އޮތް އާސެނަލްއަށް ވުރެ ދެޕޮއިންޓް މަދުލިބި ތާވަލުގެ ދެވަނައިގައި އޮތް ސިޓީއަށް، ބާސާއާ ދެކޮޅަށް ކުޅުމުގެ ކުރިން، އެފްއޭ ކަޕްގައި ޗެލްސީ އާ ދެކޮޅަށް އަދި ލީގުގައި ނޯވިޗް އާއި ސަންޑަލޭންޑާ ކުރިމަތިލާންޖެހޭނެ އެވެ.