ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 157 ވަނަ މާއްދާގެ (ހ) އާއި ޖުޑީޝަލް ސަވިސް ކޮމިޝަންގެ ޤާނޫނުގެ 37 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެކުލަވާލާފައިވާ ޖުޑީޝަލް ސަވިސް ކޮމިޝަންގެ މެންބަރު ކަމަށް، ޤާނޫނު އަސާސީގެ 158 ވަނަ މާއްދާގެ (ވ) އާއި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ތިން ވަނަ މާއްދާގެ 9 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، ބަންޑާރަނައިބު ޑޮކްޓަރު އަޙްމަދު ޢަލީ ސަވާދު، ރައީސުލްޖުމްހޫރިއްޔާ މިއަދު އަލުން ހަމަޖައްސަވައިފި ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ޖުޑީޝަލް ސަވިސް ކޮމިޝަންގެ މެންބަރު ކަމަށް ޑޮކްޓާ އަޙްމަދު ޢަލީ ސަވާދު ހަމަޖެއްސެވި ކަމުގެ ލިޔުން، އެ މަނިކުފާނާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.
އެ ރަސްމިއްޔާތުގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފްގެ ކުރިމަތީގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމުގެ ހުވާ، ޑޮކްޓާ ސަވާދު ކުރެއްވި އެވެ.


ޑރ. ސަވާދު އޭޖީއެއްގެ ގޮތުން ކުރިން ވެސް ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި ހުންނެވި އެވެ. އޭނާގެ ގޮނޑި ގެއްލުނީ، ރައްޔިތުންގެ މަޖިލީހުން ރުހުން ނުދެއްވާ ވަޒީރުންނަށް ވަޒީރުންގެ މަޖިލީހުގައި ދެމިނުތިބެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރެއްވި ހިސާބުންނެވެ. ރައްޔިތުންގެ މަޖިލީހުން ރުހުން ނުދެއްވި ބޭފުޅުންގެ ތެރޭގައި ސަވާދު ވެސް ހިމެނެ އެވެ. ނަމަވެސް ރައީސް ނަޝީދު ވަނީ އެޓާނީޖެނެރަލްގެ މަގާމަށް ސަވާދު އަލުން އައްޔަން ކުރައްވައިފަ އެވެ.