07 Feb 2014, 11:03
މިސީޒަންގައި ލިވަޕޫލްގެ އެންމެ ބޮޑު އަމާޒަކަށް ވާނީ، ސީޒަން ނިމޭއިރު ލީގުގެ ގަދަ ހަތަރަކުން ޖާގައެއް ހޯދައިގެން އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގައި ކުޅުންކަމަށް އެޓީމުގެ ކޯޗު ބްރެންޑަން ރޮޖާސް ބުނެފި އެވެ.
އެންފީލްޑްގައި މާދަމާ އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ރޮޖާސް ބުނީ، ލީގު ތައްޓަށް އަތްފޯރާ ހިސާބަށްވުރެ ފަހަތުގައި އޮތް ނަމަވެސް އެޓީމުން އަދިވެސް އުންމީދު ދޫކޮށް ނުލާ ކަމަށެވެ.
"އަހަރެމެން ބޭނުންވަނީ، ސީޒަން ނިމޭއިރު ތާވަލުގައި ކުރިއަށް ދެވެން އޮތް އެންމެ ބޮޑަށް ކުރިއަށްދާން. އެކަމަކު އެންމެ ބޮޑު މަގުސަދަކަށްވާނީ، ގަދަ ހަތަރެއްގައި އޮވެ ސީޒަން ނިންމައިލުން،" ލިވަޕޫލް ކޯޗް ބުންޏެވެ.
ހޮނި ހިރު ދުވަހު އަމިއްލަ ދަނޑުގައި ތާވަލުގެ އެއްވަނައިގައި 55 ޕޮއިންޓާއެކު އޮތް އާސެނަލްއާ ދެކޮޅަށް ނުކުންނައިރު، އާސެނަލްއަށްވުރެ އަށް ޕޮއިންޓު މަދުން ލިބި ލިވަޕޫލް އޮތީ ތާވަލުގެ ހަތަރު ވަނައިގަ އެވެ.
ރޮޖާސް ބުނީ މަތީ ހަރުފަތެއްގައި އޮވެގެން އަންނަ ސީޒަނާ ކުރަމަތިލާން ލިވަޕޫކް ބޭނުންވާނަމަ ޓީމު ވަރުގަދަ ކުރުމަށް އިތުރު ކުޅުންތެރިން އެޓީމަށް ހޯދަން ޖެހޭ ކަމަށެވެ.
"އަހަރެން ގަބޫލުކުރާ ގޮތުގައި މިޓީމް ވަރުގަދަކުރުމަށް އެބަޖެހޭ އިތުރު ކޮލިޓީ ކުޅުންތެރިން ހޯދަން،" ރޮޖާސް ބުންޏެވެ.
ލިވަޕޫލްގެ ކޯޗު ބުނީ، އޭނާގެ ކުޅުންތެރިން މިސީޒަންގައި ދައްކަމުން އަންނަ މޮޅު ކުޅުމާ ދޭތެރޭގައި ހިތްހަމަ ޖެހޭ ކަމަށާއި އަދި ކުރިއަށް އޮތްތަނުގައި ޓީމާ އެކު ރަނގަޅު ކާމިޔާބުތަކެއް ހޯދޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށެވެ.