މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ނެމަންޔާ ވިޑިޗް އެކްލަބާއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން ކޮންޓްރެކްޓް އިތުރަށް އާ ނުކުރަން ނިންމައިފި އެވެ.

އުމުރުން 32 އަހަރުގެ ސާބިއާ ޑިފެންޑަރު ޔުނައިޓެޑާ ގުޅުނީ 2005 ވަނަ އަހަރު އެވެ. އަދި އެޓީމާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަންގެ ނިޔަލަށް އާ ނުކޮށްފި ނަމަ، އޭނާއަށް ހިލޭ ޓްރާންސްފާގެ ދަށުން ބޭނުން ކޮންމެ ކްލަބަކަށް ދިއުމުގެ ފުރުސަތު އޮންނާނެ އެވެ.

"މިތަނުގައި އަހަރެން ކުޅެން ބޭނުންވާ ހަމައެކަނި ޓީމަކީ މެންޗެސްޓާ ޔުނައިޓެޑް ކަމަށްވާއިރު، ދެން އިންގްލެންޑްގައި އިތުރަށް މަޑުކުރާކަށް އަހަރެން ނުވިސްނަން،" ޔުނައިޓެޑްގެ ވެބްސައިޓަށް ވިޑިޗް ބުންޏެވެ.

"އަހަރެންގެ ހިޔާލަށް ގެނެވިފައެއް ނެތް 15 ޓްރޮފީ މިގޮތަށް ކާމިޔާބު ކުރެވިދާނޭ ކަމަކަށް. އެހެން ކަމުން، އަހަރެން ނިންމާފައި މިވަނީ، ސީޒަން ނިމުމުން އެހެން ދިމާއަކަށް ދާން. އަހަރެން ބޭނުން އިތުރު ކާމިޔާބުތައް ހާސިލްކުރަން."

ސްޕާކްޓާ މޮސްކޯއިން 2005 ވަނަ އަހަރު ހަތް މިލިޔަން ޕައުންޑަށް ޔުނައިޑާ ގުޅުނު ވިޑިޗް ވަނީ އެޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ހުރެގެން ޔުނައިޓެޑްގެ 20 ވަނަ ޕްރިމިއާ ލީގު ޓައިޓްލް މިދިޔަ ސީޒަންގައި އުފުލައިލާފަ އެވެ.

"އަހަރެން މިތަނުގައި ވަރަށް ކާމިޔާބު އަށް އަހަރު ދުވަސް ހޭދަކޮށްފިން. އަހަރެން މިކްލަބުގައި ހޭދަކުރި ދުވަސްތައް ރޭންކް ކުރެވިގެންދާނީ އަހަރެންގެ ފުޓްބޯޅަ ކެރިއަރުގެ އެންމެ ކާމިޔާބު ދުވަސްތަކުގެ ގޮތުގައި،" ވިޑިޗް ބުންޏެވެ.

ވިޑިޗް ބުނީ އޭނާ ޔުނައިޓެޑްގައި ހޭދަކުރި ދުވަސްތަކުގެ ތެރެއިން އެންމެ އުފާވެރި އިހްސާސެއް ކުރެވުނީ، މޮސްކޯގައި 2008 ވަނަ އަހަރު ޗެލްސީ ބަލިކޮށް ޗެމްޕިއަންސް ލީގު ތަށި އުފުލައިލެވުމުން ކަމަށެވެ.

"2008 ވަނަ އަހަރު މޮސްކޯގައި ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވުނު އުފާވެރި ރޭގެ ހަނދާންތައް ދުވަހަކުވެސް ހިތުން ފިލައިގެން ނުދާނެ،" ޔުނައިޓެޑާ އެކު ފަހު ދުވަސްތައް ގުނަމުން އަންނަ ވިޑިޗް ބުންޏެވެ.