06 Feb 2014, 22:41
ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) ގެ މަގާމަށް ބޭފުޅަކު ލަސްނުކޮށް އައްޔަން ކުރުމަށް ކަމާ ބެހޭ ފަރާތްތަކުގެ މައްޗަށް ސުޕްރީމް ކޯޓުން މިރޭއަމުރުކޮށްފި އެވެ.
އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ސޮއިކުރައްވައި ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރުގައި ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމުގައި މިވަގުތު ބޭފުޅަކު ނެތްކަމުގައިވީނަމަވެސް ކްރިމިނަލް ކޯޓާއި ޖިނާއީ މައްސަލަތައް ބެލުމުގެ އިހްތިސޯސްލިބިގެންވާ ކޯޓުތަކަށް ޕީޖީ އޮފީހުން ހުށަހަޅާ މައްސަލަތައް ހުއްޓުމެއް ނެތި ހަމަޖެހިފައިވާ އުސޫލުން ބަލައިގަތުމަށް ވަނީ އަމުރުކޮށްފަ އެވެ.
އެ އަމުރުގައި ބުނެފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމް ހުސްވެއްޖެނަމަ 30 ދުވަހުގެ ތެރޭގައި އެމަގާމަށް ބޭފުޅަކު އައްޔަން ކުރުމަކީ ކަމާބެހޭ ފަރާތްތަކަށް ގާނޫނުން ލާޒިމްކޮށްފައިވާ ކަމެއް ކަމަށެވެ. އެ މަގާމު ހުސްވެފައި އޮތުމަކީ ގާނޫނު އަސާސީގެ ތަސައްވަރު ނޫންކަމަށް ވެސް އެ އަމުރުގައި ބުނެފައި ވެއެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމުގެ ކުރިން ދައުލަތުން ދައުވާކޮށްފައިވާ ޖިނާއީ މައްސަލަތައް އަނބުރާ ގެންދިޔުންފަދަ ފިޔަވަޅެއް ނޭޅުމަށް ވެސް ވަނީ އަމުރުކޮށްފަ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމް ހުސްވެފައި ވަނީ އެމަގާމުގައި ހުންނެވި އަހްމަދު މުއިއްޒު އިސްތިއުފާދެއްވުމުންނެވެ. އެމަނިކުފާނު އިސްތިއުފާދެއްވީ އެމްޑީޕީގެ ފަރާތުން އެމަނިކުފާނުގެ އިތުބާރުނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މައުމޫން ހަމީދު އެ މަގާމަށް އައްޔަން ކޮށްދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފަ އެވެ. ނަމަވެސް މަޖިލީހުން އެކަމާ މެދު މިއަދާހަމައަށް ވެސް ގޮތެއް ނިންމާފައެއް ނުވެއެވެ.