06 Feb 2014, 22:25
އެއާބަސް އިން އަލަށް ތައާރަފްކުރާ އޭ350 އެކްސް ޑަބްލިޔުބީ ގެ މަތިންދާ ބޯޓު ޖެއްސި ފުރަތަމަ މަންޒިލަކަށް ގަތަރުގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަ ހަމަދު ބައިނަލްއަގުވާމީ ވައިގެ ބަނދަރު ވެއްޖެއެވެ.
ގަތަރުގެ ގައުމީ އެއާލައިން ގަތަރު އެއާވޭސް އަކީ އެއާބަސް އޭ350 އެކްސް ޑަބްލިޔު ބީ ގެ ފުރަމަ ކަސްޓަމަރެވެ. ގަތަރު އެއާވޭސް އިން ވަނީ އޭ350 ގެ ފުރަތަމަ 80 ބޯޓު ހޯދުމަށް އޯޑަރުކޮށްފައެވެ.
އެއާބަސް އޭ350 ހަމަދު ބައިނަލްއަގުވާމީ އެއާޕޯޓުގައި ޖައްސާފައި ވަނީ ފަރަންސޭސި ވިލާތުގެ ޓުލޫޒްގައި ހުންނަ އެއާބަސްގެ މަތިންދާ ބޯޓު އުފައްދާ ކާރުހާނާއިން ފުރައިގެން ސިންގަޕޫރުގައި މި މަހުގެ 11 އިން 16 އަށް ބާއްވާ ސިންގަޕޯ އެއާޝޯ އަށް ދިއުމުގެ މަގުމަތީގަ އެވެ.
ހަމަދު ބައިނަލްއަގުވާމީ ވައިގެބަނދަރުގައި މިޑް-ސައިޒް ވައިޑް-ބޮޑީ ޖެޓް ތައް ޖެއްސުމަށް އަލަށް ހަދާފައިވާ ރަންވޭއަށް އެއާބަސް އޭ350 އެކްސް ޑަބްލިޔުބީ ޖެއްސުން ވެގެން ދިޔައީ އެ ވައިގެބަނދަރުގެ ޓަވަރު ގަޔާއި ގްރައުންޑުގައި މަސައްކަތް ކުރާ މުވައްޒަފުންނަށާއި، އެއާބަސްގެ ޕައިލަޓުންނަށް ލިބިގެންދިޔަ ވަރަށް ހާއްސަ ތަޖުރިބާއެއް ކަމަށް ގަތަރު އެއާވޭސް އިން ބުނެއެވެ.
ގަތަރު އެއާވޭސްގެ ސީއީއޯ އަކްބަރ އަލް ބޭކަރ ސިފަކުރި ގޮތުގައި މިއީ ދައުލަތުލް ގަތަރުގެ ވައިގެ ދަތުރު ފަތުރުގެ ހަޔާތުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
“ހަމަދު ބައިނަލްއަގުވާމީ ވައިގެ ބަނދަރަކީ އެއާބަސް އޭ350 އެކްސް ޑަބްލިޔު ބީ ފަދަ މަތިންދާ ބޯޓު ޖެއްސުމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ވައިގެ ބަނދަރެއް. އެއާބަސް އޭ350 ވެގެންދާނީ އަހަރަމެންގެ ފްލޭގްޝިޕް އެސެޓަށް. މި ވައިގެ ބަނދަރު ވެގެންދާނީ މި މަތިންދާބޯޓުގެ އައު ގެއަށް. އަދި ގަތަރު އެއާވޭސްގެ މަތިންދާ ބޯޓުގެ އާއިލާގެ ބަޔަކަށް އޭ350 އެކްސް ޑަބްލިޔު ބީ ވެގެން ދާނެ،” އަކްބަރ އަލް ބޭކަރ ބުންޏެވެ.
މިއަހަރުގެ އޭޕްރިލް މަހު ހުޅުވުމަށް ހަމަޖެހިފައިވާ ހަމަދު ބައިނަލްއަގުވާމީ ވައިގެ ބަނދަރުގެ ބޮޑުމިނުގައި 22 އަކަ ކިލޯމީޓަރު ހުރެއެވެ. މި ވައިގެ ބަނދަރު ހުޅުވިގެން ދާއިރު އަހަރަކު 24 މިލިއަން ޕަސެންޖަރުންނަށް ހިދުމަތް ދެވޭނެއެވެ. އަދި 2015 ވަނަ އަހަރު ނިމޭ އިރު 50 މިލިއަން މީހުންނަށް ހިދުމަތް ދެވޭނެ ކަމަށް ގަތަރު އެއާވޭސް އިން ބުނެއެވެ. މި ވައިގެ ބަނދަރުގައި އަހަރަކު 360،000 މަތިންދާ ބޯޓަށް ޖެއްސޭއިރު، މިއީ އަދުގެ އެއާޕޯޓު ތަކަށް ޖެއްސޭ އަދަދަށް ވުރެ 2.5 ގުނަ އިތުރު އަދަދެކެވެ.
އެއާބަސް އޭ350 އެކްސް ޑަބްލިޔު ބީ އަކީ އެއާބަސް އިން މުޅިން އަލަށް އުފައްދާ ތައާރަފްކޮށްފައިވާ މަތިންދާ ބޯޓެކެވެ. އެކްސްޑަބަލިޔުބީ ނުވަތަ “އެކްސްޓްރާ ވައިޑް ބޮޑީ” އެއާކްރާފްޓަކީ ދިގު އަދި މެދު މިނުގެ ދަތުރު ތަކަށް ހާއްސަ މަތިންދާ ބޯޓެކެވެ. ތިމާވެއްޓާ ރައްޓެހި، ތެލުގެ ހަރަދު ކުޑަ މި ބޯޓަކީ މެއިންޓެއިނަންސްގެ ހަރަދުވެސް ކުޑަ ބޯޓެކެވެ. ގަތަރު އެއާވޭސް އިން އެއާބަސް އޭ350 އެކްސްޑަބްލިޔުބީ ގެ އާއްމު އުދުހުންތައް ފަށާނީ 2014 ވަނަ އަހަރުގެ ފަހުކޮޅުއެވެ.