ގދ. ގައްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ސްލޮޓަށް އެމްޑީއޭގެ ފަރާތުން ކެންޑިޑޭޓަކު ނުނެރުނު ނަމަވެސް އެ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވާ ޒާހިރު އާދަމް (ގައްދޫ ޒާހިރު) އަށް ތާއީދު ކުރަން ނިންމައިފި އެވެ.

އެމްޑީއޭގެ ނައިބު ލީޑަރު ޢަލީ މައުރޫފު ސަން އަށް މިރޭ ވިދާޅުވީ ގައްދޫ ދާއިރާ އަކީ ޕްރޮގްރެސިވް ކޯލިޝަންގެ ތެރެއިން އެމްޑީއޭ އަށް ލިބިފައިވާ ދާއިރާއެއް ކަމަށާއި، އެހެން ކަމުން އެމްޑީއޭގެ މި ނިންމުމަށް ކޯލިޝަނަށް ތާއީދު ކުރައްވާ ހުރިހާ ފަރާތްތަކުން ވެސް ސަޕޯޓު ކުރައްވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.

"ގައްދޫ ދާއިރާ އަކީ ކޯލިޝަން ތެރެއިން އެމްޑީއޭ އަށް ލިބިފައިވާ ސްލޮޓެއް. އެހެން ކަމުން އަޅުގަނޑުމެން މި ނިންމީ އަޅުގަނޑުމެންގެ ޕާޓީން އެ ދާއިރާ އަށް ކެންޑިޑޭޓެއް ނެރުމުގެ ބަދަލުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ޒާހިރު އާދަމަށް ތާއީދު ކުރަން. އެމްޑީއޭގެ މި ނިންމުމަށް ކޯލިޝަނަށް ތާއީދު ކުރާ ހުރިހާ ސަޕޯޓަރުން ވެސް ތާއީދުކޮށްދެއްވުމަކީ އަޅުގަނޑުމެންގެ އެދުމެއް،" މައުރޫފު ވިދާޅުވި އެވެ.

މައުރޫފު އިތުރަށް ވިދާޅުވީ އެމްޑީއޭ އިން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ ފަރާތްތަކަށް ޓިކެޓް ހަވާލުކުރުމަށް ޓަކައި އަންނަ އާދީއްތަ ދުވަހުގެ ރޭ މާލޭގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

ޕްރޮގްރެސިވް ކޯލިޝަނުން އެމްޑީއޭއަށް ލިބިފައިވަނީ އަށް ދާއިރާގެ ތެރެއިން އެމްޑީއޭގެ ކެންޑިޑޭޓުން ނިކުންނަ ހަތް ދާއިރާ އަކީ ނ. އަތޮޅު ހޮޅުދޫ ދާއިރާ އާއި މަނަދޫ ދާއިރާ އާއި ކެނދިކުޅުދޫ ދާއިރާ އާއި ވެލިދޫ ދާއިރާ އާއި ދ. އަތޮޅު މީދޫ ދާއިރާ އާއި ކުޑަހުވަދޫ ދާއިރާގެ އިތުރުން ހއ ހޯރަފުށީ ދާއިރާ އަށެވެ.