މި ދިޔަ އަހަރު ބޭއްވި ސާނަވީ އިމްތިހާނުން ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ ނިސްބަތް 2012 ވަނަ އަހަރާއި އަޅާބަލާއިރު ދެ އިންސައްތަ ކުރިއަށް ޖެހިއްޖެ އެވެ.

މިއަދު ހަވީރު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ މިދިޔަ އަހަރު ފަސް މާއްދާއިން ފާސްވި ނިސްބަތަކީ 43 އިންސައްތަ ކަމަށެވެ. އޭގެ ކުރިން 2012 ވަނަ އަހަރު ބޭއްވި ސާނަވީ އިމްތިހާނުން ފަސްމާއްދާއިން ފާސްވި ދަރިވަރުންގެ ނިސްބަތަކީ 41 އިންސައްތަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިއަހަރު ގަދަ ދިހައެއްގައި 479 ކުދިން ހިމެނޭ ކަމަށާއި 2012 ވަނަ އަހަރާއި ބަލާއިރު 53 ކުދިން މިއަހަރު އިތުރުވެފައިވާ ކަމަށެވެ.

މިދިޔަ އަހަރު އަށް މާއްދާއިން ފާސްވި ދަރިވަރުންގެ ނިސްބަތްވެސް ވަނީ އިތުރުވެފަ އެވެ. ދެހާސް ބާރަ ވަނަ އަހަރު 8 މާއްދާއިން ފަސްވި ކުދިންގެ އިންސައްތަ އަކީ 19 އިންސައްތަ އެވެ. އަދި މިދިޔަ އެ އަދަދު ވަނީ 20.3 އިންސައްތަ މައްޗަށް ޖެހިފަ އެވެ.

މިނިސްޓަރު ވިދާޅުވީ ވަކި ވަކި މާއްދާތަކުގެ ތެރެއިން އެންމެ ބޮޑަށް ކުރިއެރުން ހޯދާފައި ވަނީ ސައިންސްގެ މާއްދާތަކުން ކަމަށެވެ. އަދި ކުޑަ ނިސްބަތަކުން ނަމަވެސް އިސްލާމް ދިވެހި މާއްދާއިން ފާސްވި ކުދިންގެ އަދަދު ދަށްވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސައިންސް މާއްދާތަކުގެ ތެރެއިން ކެމިސްޓްރީން ފާސްވި ދަރިވަރުންގެ އަދަދު ތިން އިންސައްތައަށް އިތުރުވެފައިވާއިރު ފިޒިކްސް އިން ފާސްވި ނިސްބަތްވަނީ ދެ އިންސައްތަ އިތުރުވެފަ އެވެ. އަދި ބައިލޮޖީން ފާސްވި ނިސްބަތްވަނީ އެއް އިންސައްތަ އިތުރުވެފަ އެވެ.

މިދިޔަ އަހަރު ސާނަވީ އިމްތިހާނުގައ 7263 ދަރިވަރުން ބައިވެރިވެފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖެ ތެރޭގެ ސްކޫލްތަކުން ބައިވެރި 5170 ދަރިވަރަކާއި މާލެ ސްކޫލްތަކުންބައިވެރިވި 2093 ދަރިވަރެކެވެ.