06 Feb 2014, 19:45
އަންނަ މަހު 22 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕްރައިމަރީއަކާ ނުލައި ޕީޕީއެމްގެ ޓިކެޓުގައި ވާދަ ކުރުމުގެ ފުރުސަތު މަޖިލީހުގެ ހަތަރު މެންބަރަކަށް ދީފި އެވެ.
ޕްރައިމަރީއާ ނުލައި ހަތަރު ދާއިރާއަކަށް ވާދަކުރު ކުރުމަށް ޓިކެޓް ދިނީ ކުޅުދުއްފުށީ ދެކުނު ދާއިރާއަށް އެ ދާއިރާގެ މިހާރުގެ ވެސް މެމްބަރު މުހައްމަދު ނަޝީދާއި ފުނަދޫ ދާއިރާއަށް އެ ދާއިރާގެ މިހާރުގެ ވެސް މެމްބަރު އަލީ ސަލީމާއި ކ. ގުރައިދޫ ދާއިރާއަށް އެ ދާއިރާގެ މިހާރުގެ ވެސް މެމްބަރު އިބްރާހިމް ރިޒާގެ އިތުރުން މުލަކު ދާއިރާ އަށް ކިނބިދޫ ދާއިރާގެ މިހާރުގެ މެމްބަރު މޫސާ ޒަމީރެވެ.
"އެ ހަތަރު ދާއިރާއަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެއިން ކޮންމެ ދާއިރާއަކަށް ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން 75 ޕަސެންޓު ނުވަތަ އެއަށްވުރެ މަތިން މާކްސް ލިބިވަޑައިގެންފައިވަނީ ކޮންމެ ދާއިރާއަކުން ވެސް އެންމެ ބޭފުޅަކަށްވާތީ ވާތީ އެގޮތަށް ނިންމީ،" ޕީޕީއެމުން ނެރުނު އިއުލާނެއްގައި ބުނެފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި އިންތިހާބުގައި ޕީޕީއެމުން ވާދަ ކުރާ 49 ދާއިރާގެ ތެރެއިން 17 ދާއިރާއަށް ޕްރައިމަރީއަކާ ނުލައި އެ ޕާޓީގެ ޓިކެޓް ވަނީ ދީފަ އެވެ. އޭގެ ތެރޭގައި މަޖިލީހުގެ 13 މެމްބަރަކު ހިމެނެ އެވެ.
ބާކީ ހުރި ދާއިރާތަކުގެ ޕްރައިމަރީ ބާއްވާނީ އަންނަ ހޮނިހިރު ދުވަހު އެވެ. މާލޭ އާއި އަތޮޅުތަކުގައި ޕީޕީއެމްގެ ޕްރައިމަރީ އޮންނާނީ ހަވީރު 4:00 ފެށިގެން ރޭގަނޑު 10:00 އަށެވެ.