ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ބޭނުންވާ އެންމެ މަދު އަދަދު ކަމަށްވާ 3،000 މެމްބަރުން ހަމަ ނުވާތީ، އެ އަދަދަށް މެމްބަރު ހަމަކުރަން ދިން މުއްދަތުގައި ވެސް މެމްބަރުން ހަމަނުކުރެވުމުން، އަށް ސިޔާސީ ޕާޓީއެއް އިލެކްޝަންސް ކޮމިޝަން އުވާލައިފި އެވެ.

ޕާޓީގެ މެމްބަރުންގެ އަދަދު ހަމަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ދިން ތިން މަސް ދުވަހު މުއްދަތުގެ ތެރޭގައި ވެސް އެ އަދަދަށް މެމްބަރުން ހަމަކުރެވިފައި ނުވާ ޕާޓީތައް އުވާލާނެ ކަމަށް އާންމުކޮށްފައި ވަނީ މިދިޔަ މަހުގެ ހަ އެއްގަ އެވެ. އެ ދުވަހު އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާންގައި ބުނެފައި ވަނީ 10 ސިޔާސީ ޕާޓީއެއް އުވާލަން ނިންމާފައިވާ ކަމަށެވެ. އަދި އެ ޕާޓީތައް އުވާލާނީ އެއް މަސް ފަހުން (މިއަދު) ކަމަށް ވެސް އެ ދުވަހު ކުރި އިއުލާންގައި ވަނީ ބުނެފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން އެ އިއުލާން ނެރުނުތާ އެއް މަސްފަހު މިއަދު އެ ކޮމިޝަނުން ކުރި އިއުލާންގައި އުވާލާނެ ކަމަށް ކުރިން ބުނެފައިވާ ގައުމީ އިއްތިހާދު ޕާޓީ އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓް ނުހިމެނެ އެވެ.

އިލެކްޝަނުން މިއަދު އުވާލި ޕާޓީތަކަކީ އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ) އާއި މޯލްޑިވިއަން ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އާއި ސޯޝަލް ލިބަރަލް ޕާޓީ މޯލްޑިވިއަން ނޭޝަނަލް ކޮންގްރެސް (އެމްއެންސީ) އާއި ޕީޕަލްސް ޕާޓީ ޕީޕަލްސް އެލަޔަންސް (ޕީއޭ) އާއި މޯލްޑިވިއަން ލޭބާ ޕާޓީގެ އިތުރުން ދިވެހި ގައުމީ ޕާޓީ އެވެ.

އިލެކްޝަނުން ބުނީ އެ ޕާޓީޓަކުގެ ތެރެއިން ގިނަ ޕާޓީތަކަކީ އެއްގޮތަކަށް ވެސް ހަރަކާތްތެރިވާ ޕާޓީތަކެއް ނޫން ކަމަށާއި ޕާޓީތަކަށް ފޮނުވާ ލިޔެކިޔުމާއި އެހެނިހެން ތަކެތި ރައްދުނުވުމުގެ ސަބަބުން އެ ޕާޓީތަކުގެ އޮފީސް ހުންނަތަން ހޯދުމަށް އިއުލާން ވެސް ކުރި ކަމަށެވެ. ދައުލަތުގެ ބަޖެޓުން ފައިސާ ދޫކު ރަންޖެހޭ އެ ޕާޓީތަކަކީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ އޮޑިޓް ރިޕޯޓްތައް ގަވާއިދުން ހުށަހަޅަމުން ނުދާ ޕާޓީތަކެއް ކަމަށް ވެސް އިލެކްޝަނުން ބުންޏެވެ.

ހަރަކާތްތެރި ނުވާ ޕާޓީތައް އުވާލުމުން ދައުލަތުގެ ބަޖެޓުން ބޮޑު ހަރަދުތަކެއް ކުރަންޖެހުމުގެ ސަބަބުން ދައުލަތަށާއި ރައްޔިތުންނަށް މާލީ ގޮތުން ލިބެމުންދިޔަ ދަތިތަކަށް މި ޕާޓީތައް އުވާލުމުގެ ސަބަބުން އލުޔެއް އަންނާނެ ކަމަށް އިލެކްޝަނުން ބުންޏެވެ.