ރާއްޖޭގައި ލޭބާ ޕްރޮޖްކެޓެއް ހިންގުމަށް 640،000 ޑޮލަރު، [ރަސްމީ ރޭޓުން 8.22 މިލިއަން ރުފިޔާ]ގެ އެހީ ދިނުމަށް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ލޭބާ އިން ހަމަޖައްސައިފި އެވެ.


ލޭބާ ޑިޕާޓްމަންޓުގެ ވެބްސައިޓުގައި އިއްޔެ ޝާއިއުކޮށްފައިވާ ޕްރެސް ރިލީސްއެއްގައި ބުނެފައި ވަނީ، ރާއްޖޭގައި ލޭބާއާ ބެހޭ މަޝްރޫއު ހިންގުމަށް އެ ފައިސާ އެވޯޑްކޮށްފައި ވަނީ އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) އަށް ކަމަށެވެ.


އެ މަޝްރޫއު އަމާޒުކޮށްފައި ވަނީ، ރާއްޖޭގެ ލޭބަރުން ނުވަތަ ވަޒީފާ އަދާކުރާ މީހުންގެ އަސާސީ ހައްގުތައް ރައްކާތެރިކުރުމަށާއި އަދި އެމީހުންގެ ކަންކަން ބަލަހައްޓާ އިދާރާތަކުގެ މަސައްކަތް ހަރުދަނާކޮށް، ވަޒީފާއާ ބެހޭ ޤާނޫނު ރަނގަޅަށް ތަންފީޒުކުރުމަށް އެހީތެރިވެދިނުމަށް ކަމަށް އެ ނޫސް ބަޔާނުގައިވެ އެވެ.


އައިއެލްއޯގެ އެ މަޝްރޫއުގައި ލޭބާ މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ އަދި އެމްޕްލޯއިމެންޓް ޓްރައިބިއުނަލްގެ އިތުރުން ވަޒީފާ އަދާކުރާ މީހުންގެ އެކި އެސޯސިއޭޝަންތަކުގެ އިތުރުން ވަޒީފާދޭ ފަރާތްތަކުން އުފައްދާފައިވާ އެސޯސިއޭޝަންތަކުން ބައިވެރިވާނެ ކަމަށް ވެސް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.


ނަމަވެސް، ލޭބާ މިނިސްޓްރީގެ ބަހެއް އަދި ލިބިފައިނުވާތީ، އެ މަޝްރޫއާ ގުޅޭ އިތުރު ތަފްސީލު ވަނީ ލިބޭ ގޮތް ނުވެފަ އެވެ.


ރާއްޖެ އިން އައިއެލްއޯގައި ބައިވެރިވެފައި ވަނީ މޭ 15، 2010 ގަ އެވެ.