ދިރާގު ޕޯސްޓްޕެއިޑްގެ ހިދުމަތް ހޯދާ ފަރާތްތަކަށް ހާއްސަކޮށްގެން އެންމެ ގިނަ ހިލޭ މިނިޓާއި އެންމެ ބޮޑު އައިޑީޑީ ކޯލް ޑިސްކައުންޓް ހިމެނޭ ގޮތަށް "ޕޯސްޓްޕެއިޑް ސްމާޓް"ގެ ނަމުގައި ހާއްސަ ޕެކޭޖްތަކެއް މިއަދު ތައާރަފްކޮށްފި އެވެ.

ދިރާގު ޕޯސްޓްޕެއިޑް ސްމާޓްގައި ފަސް ޕެކޭޖެއް ހިމެނެ އެވެ. އޭގެ ތެރޭގައި ސްމާޓް 169، ސްމާޓް 399، ސްމާޓް 599، ސްމާޓް 799 އަދި ސްމާޓް ޕްރިމިއަމް ހިމެނެ އެވެ. މިއިން ކޮންމެ ޕެކޭޖަކާއެކު ވެސް ރާއްޖޭގެ ކޮންމެ ނެޓްވޯކަކަށް ވެސް ހިލޭ ގުޅޭ މިނިޓާއި ތަފާތު ޑޭޓާ އެލަވަސްތަކާއެކު އެބޭފުޅެއްގެ އެންމެ މަގުބޫލު ގައުމު (ފެވަރިޓް ކަންޓްރީ) އަށް ގުޅާ ލުމަށް 40 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ.

ދިރާގުގެ ޕޯސްތްޕެއިޑް ކަސްޓަމަރުންނަށް މިއަދު ތައާރަފް ކުރި ހާއްސަ ޕެކޭޖްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެކުންފުނީގެ މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު މިރުޝާން ވިދާޅުވީ، ދިރާގު ޕޯސްޓްޕެއިޑްގެ ހިދުމަތް ބޭނުންކުރާ 65،000އަށް ވުރެ ގިނަ ކަސްޓަމަރުން ތިބިއިރު އަލަށް ތައާރަފްކުރި ސްމާޓް ޕެކޭޖްގެ ސަބަބުން ކަސްޓަމަރުންނަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ތައާރަފްކޮށްފައިވާ ޕްލޭންތަކާ ބަލާފައި މިއަދު މި ތައާރަފްކުރާ ޕްލޭންތަކަކީ ވަރަސް ތަފާތު ޕްލޭންސް ތަކެއް... މިފަދަ ޕެކޭޖްތައް ތައާރަފްކުރާއިރު އަބަދުވެސް އެބަ ބަލަން ޓްރެންޑްސް ތަކަކީ ކޮބައިތޯ. މާކެޓަށް އަންނަނީ ކޮންކަހަލަ ބަދަކުތަކެއްތޯ. ދަންނަވަން މިއުޅެނީ ކަސްޓަމަރުން އެންމެ ބޭނުންފުޅުވެލައްވާ ގޮތަށޭ އަޅުގަނޑުމެންގެ މި ޕެކޭޖްތައް ތާއްޔާރުކުރެވިފައި މިވަނީ،" މިރުޝަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް ހިލޭ ގުޅޭ ޕެކޭޖްތަކެއް 2007 ވަނަ އަހަރު ދިރާގުން ތައާރަފްކުރި އިރާއަޅާ ބަލާއިރު މިހާރު އެ ކުންފުނީގެ ކަސްޓަމަރުންނަށް ލިބޭ އެފަދަ ހިދުމަތްތައް އެތައްގުނައެއް ފެންވަރު ރަނގަޅުވެފައި ފައިދާ ބޮޑުވެ ލުއިފަސޭހަވެގެން ގޮސްފައިވާ ކަމަށެވެ.

ސްމާޓް 169 އަކީ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ލިބޭ އެންމެ އަގުހެޔޮ ޕެކޭޖެވެ. މި ޕެކޭޖުގައި ރާއްޖޭގެ ކޮންމެ ނެޓްވޯކަކަށް 500 މިނިޓް ހިލޭ ގުޅާލެވޭއިރު، 200 އެސްއެމްއެސް ހިމެނެ އެވެ.

ސްމާޓް 399ގައި ހިލޭ ގުޅޭ 1500 މިނިޓާއި 1ޖީބީގެ ޑާޓާ ހިމެނޭއިރު 500 އެސްއެމްއެސް ހިލޭ ލިބޭނެ އެވެ. ސްމާޓް599 ޕެކޭޖްގައި 2500 މިނިޓް ހިލޭ ގުޅަން ލިބޭއިރު 2ޖީބީގެ ޑާޓާ އާއި 1000 އެސްއެމްއެސް ހިނެ އެވެ. ސްމާޓް799 ޕެކޭޖްގައި 3500 މިނިޓް ހިލޭ ގުޅަން ލިބޭއިރު 3ޖީބީގެ ޑޭޓާ އެލަވަންސާއި 2000 ހިލޭ އެސްއެމްއެސް ލިބޭނެ އެވެ.

ސްމާޓް ޕްރިމިއަމް އަކީ ޕޯސްޓްޕެއިޑަށް ރާއްޖޭގައި ދެވޭ އެންމެ ބޮޑު ޑާޓާ އެލަވަންސް ލިބޭ ޕެކޭޖް އެވެ. ހިލޭ ގުޅާލަން 5000 މިނިޓްލިބޭ މިޕެކޭޖްގައި 6.5ޖީބީގެ ޑާޓާ އެލަވަންސެއް ލިބޭނެ އެވެ. އަދި ހިލޭ 3000 އެސްއެމްއެސް ވެސް ލިބޭނެ އެވެ.

"ކޮންމެ ނެޓްވޯކަކަށް ގުޅާލުމަށްވެސް އެންމެ ގިނަ ވޮއިސްމިނިޓް ހިމެނެނީ މި ސްމާޓް ރޭންޖުގައި. އަނެއް ކަމަކީ އެންމެ ބޮޑު ޑޭޓާ އެލަވަންސް ހިމެނޭ ޕެކޭޖްވެސް މިހިމެނެނީ މި ސްމާޓް ޕެކޭޖްގައި. އެންމެބޮޑު އައިޑީޑީ ޑިސްކައުންޓުވެސް މިހިމެނެނީ މި ސްމާޓް ރޭންޖްގައި. ހަމައެހެންމެ އެންމެ ކުޑަ ނުވަތަ އެންމެ ހެޔޮ އަގެއްގައި ޕޯސްޓްޕެއިޑަކަށް ވަދެވޭ ޕްލޭންވެސް މި ހިމެނެނީ އަޅުގަނޑުމެންގެ މި ސްމާޓް ރޭންޖުގައި. އިތުރަށް ދަންނަވަންޏާ އެންމެ ކުޑަ ޑާޓާ އެކްސެސް ޔޫސޭޖް ޗާޖުވެސް މިހިމެނެނީ މިފަހަރު މި ތައާރަފްކުރެވޭ ސްމާޓް ރޭންޖުގައި،" މިރުޝާން ވިދާޅުވި އެވެ.

ދިރާގުގެ ސީނިއާ މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕީއާރު އެގްޒެކެޓިވް އިބްރާހިމް އިމްޖާދު ޖަލީލް ވިދާޅުވީ އަލަށް ތައާރަފް ކުރެވުނު ސްމާޓް ޕްލޭނާއެކު ދިރާގު ޕޯސްޓްޕެއިޑްގެ ހިދުމަތް ހޯއްދަވާ ފަރާތްތަކަށް އެންމެ މަގުބޫލު ގައުމަށް ގުޅާލަން ލިބޭ 40 ޕަސެންޓް ޑިސްކައުންޓް ބޭނުން ކުރާއިރު އެ ގައުމުގެ ކޮންމެ ނަންބަރަކަށް ގުޅާލިޔަސް 40 ޕަސެންޓް ލިބޭނެ ކަމަށެވެ އަދި އެގޮތަށް ގުޅާއިރު ޕީކް، އޮފްޕީކް ގަޑި ނުބަލާނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

" ފޭވަރިޓް ކަންޓްރީ އިހްތިޔާރުކުރުމަށް މި ހައްދަވަންޖެހޭ ގޮތަކީ FC ޖައްސަވާފައި 444 އަށް އެސްއެމްއެސް އެއް ފޮނުވަންވީ. އޭރުން 40 ޕަސެންޓް ޑިސްކައުންޓް ލިބޭ ގައުމުތަކުގެ ލިސްޓެއް ލިބިވަޑައިގަންނަވާނެ. ދެން FC ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކޮށްލައްވާފައި އެތަނުން އެބޭފުޅަކު އިހްތިޔާރުކުރަށްވާ ގައުމެއްގެ ނަން ޖައްސަވާފައި 444 އަށް މެސެޖް ކުރައްވަންވީ. އޭރުން 30 ދުވަސްވަންދެއް އެގައުމަކަށް 40 ޕަސެންޓު ޑިސްކައުންޓާއެކު ގުޅުއްވޭނެ،" އިމްޖާދު ވިދާޅުވި އެވެ.

ދިރާގުގެ މޯބައިލް ޕްރޮޑަކްޓް މެނޭޖަރު މަރިޔަމް ޝިޒްލީން ވިދާޅުވީ ސްމާޓް ޕްލޭން ތައާރްފް ކުރިނަމަވެސް ކުރިން ތައާރަފްކޮށްފައިވާ ޕްލޭންތައް ވެސް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި ސްމާޓް ޕްލޭނާއެކު ލިބިގެންދާނެ އަނެއް ފައިދާއެއްގެ ގޮތުގައި މިހާރު ބޭނުންކުރާ ޑޭޓާ ޕެކޭޖްތައް ހަމަވުމުން އިތުރަށް ބޭނުންކުރާ ޑޭޓާއަށް ބޮޑު ޗާޖެއް އެރި ނަމަވެސް އަލަށް ތައާރަފް ކުރި ޕްލޭނާ އެކު އެމައްސަލައަށް ވެސް ހައްލެއް ލިބިގެންދާނޭ ކަމަށެވެ.

"ކުރިން ޑޭޓާ އިތުރަށް ހިނގައިގެން މައްސަލަ ދިމާވާ ބޭފުޅުންނަށް އެންމެ ރަނގަޅުވާނީ، ސްމާޓް ޕްލޭން ބޭނުންކުރެއްވިއްޔާ. އެއީ ޕެކޭޖުގައި ހިމެނިފައިވާ ޑޭޓާގެ އިތުރުން ޑާޓާ ބޭނުންކުރެވެންޏާ ވަރަށް ކުޑަކުޑަ ރޭޓަކުން މެނޭޖް ކޮށްލެވޭނެ. އެހެންވީމަ ވަރަށް ފަސޭހައިން ބިލް މެނޭޖްކޮށްލެވޭނެ،" ޝިޒްލީން ވިދާޅުވި އެވެ.

ދިރާގުން ބުނީ އެކުންފުނީގެ ހިދުމަތްހޯއްދަވާ ފަރާތްތަކަށް އަބަދުވެސް ތަފާތު ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމާއި ދުނިޔޭގައި ކުރިއަރަމުން އަންނަ މޯބައިލްޓެކްނޯލޮޖީގެ އެންމެ ފަހުގެ ހިދުމަތްތައް ދިރާގު ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އަބަދުވެސް އެކުންފުނިން މަސައްކަތް ކުރާނެ ކަމަށެވެ.