06 Feb 2014, 17:38
ސަރުކާރު މެދުވެރިވެގެން އަމިއްލަ ގޮތުން ރާއްޖެއިން ބޭރުގައާއި ރާއްޖޭގެ އެކިއެކި ކޯސްތައް ފުރިހަމަކުރުމަށްދާ މުވައްޒަފުންނަށް މުސާރައާ އެއްވަރުގެ ފައިސާގެ އެހީ ދެއްވާގޮތަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހަމަޖައްސަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ، ސަރުކާރު މެދުވެރިވެގެން 2014 ޖަނަވަރީ 1 އިން ފެށިގެން އަމިއްލަގޮތުން ރާއްޖޭގައި އެކިއެކި ކޯސްތައް ފުރިހަމަކުރާ މުވައްޒަފުންނަށާއި، ސަރުކާރު މެދުވެރިވެގެން 2014 ޖަނަވަރީ 1 އިން ފެށިގެން ރާއްޖެއިން ބޭރަށް އެކިއެކި ކޯސްތައް ފުރިހަމަކުރުމަށްދާ މުވައްޒަފުންނަށް އެ ތާރީޚުން ފެށިގެން މުސާރައާ އެއްވަރުގެ ފައިސާގެ އެހީ ދެއްވާގޮތަށް ހަމަޖައްސަވައިފި ކަމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ކަމަށެވެ.
"މި ދެންނެވި މުވައްޒަފުންނަށް، މުސާރައާ އެއްވަރުގެ ފައިސާގެ އެހީ ހަމަޖެއްސެވުމުގެ ކަންތައްތައް، ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅުއްވާ އުޞޫލެއްގެ ދަށުން ސަރުކާރުގެ އޮފީސްތަކުން ކުރައްވަމުން ގެންދެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި،" ރައީސް އޮފީހުން ބުންޏެވެ.
ކޯސްތަކުގައި ކިޔަވަންދާ ސަރުކާރު މުވައްޒަފުންނަށް ފައިސާގެ އެހީދިނުން ހުއްޓަވާލެއްވީ ރައީސް ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު އެވެ.
ރައީސް އޮފީހުން ބުނީ، މުސާރައާ އެއްވަރުގެ ފައިސާގެ އެހީ ދެއްވުމަށް، ސަރުކާރުގެ އޮފީސްތަކުން ކުރައްވަމުން ގެންދެވި އިޤްރާރު ކުރެއްވުން، 2009 ޖުލައި 7 ން ފެށިގެން ހުއްޓަވާލެއްވުމަށް ދަންނަވައި އެ އޮފީހުން ނެރުއްވި ދެންނެވުން ،ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދުން ފެށީގެން ބާތިލުކުރައްވާފައި ކަމަށެވެ.