06 Feb 2014, 15:51
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޗައިނާ އަށާއި ޖަޕާނަށް ކުރައްވާ ދަތުރުފުޅުގައި ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާއަށް ހަރުދަނާ ކުރުމަށް ބޭނުންވާ ތައުލީމާ ތަމްރީންގެ އިތުރުން އިކުއިޕްމަންޓް ހޯދައިދެއްވުމަށް މަސައްކަތް ކޮށްދެއްވުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އެދިއްޖެ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ރައީސް ޔާމީނަށް މިއަދު ފޮނުއްވި ސިޓީއެއްގައި ބުނެފައި ވަނީ ރާއްޖޭގެ ބްރޯޑްކާސްޓިންގެ ސިނާއަތް ކުރިއެރުވުމާއި ހަރުދަނާކުރުމަށް ބޭނުންވާ އެންމެ މުހިއްމު އެއް ކަމެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ މި ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ބިނާކުރުން ކަމަށެވެ. މިހާތަނަށް 33 ފަރާތަކަށް ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކޮށްފައިވާ ކަމަށާއި ނަމަވެސް އެފަރާތްތަކުގެ ހިދުމަތަކީ އެންމެ ޒިންމާދާރު ގޮތެއްގައި ދެވެމުންދާ ހިދުމަތެކޭ ދެންނެވެން ނެތް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
"މި ހިދުމަތް އެންމެ އެދެވޭ ގޮތުގައި މުޖުތަމައުއަށް ފޯރައިފައިނުވާ އެންމެ ބޮޑު އެއް ސަބަބަކީ ބްރޯޑްކާސްޓިން ސްޓޭޝަންތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރޭގައި މި ދާއިރާގެ ތައުލީމާއި ފަންނީ ތަމްރީނު ލިބިފައިވާ މީހުން މަދުކަމެވެ، މި މައްސަލަ ހައްލުކުރުމުގެ މަގުސަދުގައި މި ކޮމިޝަނުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ވެސް ހިމަނާފައިވާ މުހިއްމު އެއް ބަޔަކީ ބްރޯޑްކާސްޓަރުންނަށް ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ހޯދައިދިނުމެވެ. މި ގޮތުން ދައުލަތުގެ ބަޖެޓާއި ބޭރުގެ އެހީގައި މިފަދަ ފުރުސަތުތަކެއް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން ދެއެވެ. ނަމަވެސް ދައުލަތުގެ ބަޖެޓުން މި ކަމަށް ބޭނުންވާ ފައިސާ ނުލިބުމުގެ ސަބަބުން ތަމްރީނުގެ ފުރުސަތުތައް ހޯދުމަށް ބަރޯސާވާންޖެހިފައި ވަނީ ބޭރުގެ ޖަމާއަތްތަކުން ހޯދާ އެހީގެ މައްޗަށެވެ،" އެ ސިޓީގައިވެ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ރައީސް ޔާމީން ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކަކީ ބްރޯޑްކާސްޓިން ދާއިރާގެ ކުރިއެރުވުމަށް ބޭރުގެ އެހީ ހޯދުމަށް ހުޅުވިގެންދާ މުހިއްމު ދޮރެއް ކަމުގައި އެ ކޮމިޝަނުން ދެކޭ ކަމަށެވެ. އެގޮތުން ޖަޕާނާއި ޗައިނާއަކީ ޓެކްނޯލޮޖީ އާއި އުފެއްދުންތެރިކަމުގެ ގޮތުން ކުރިއަރާފައިވާ ދެ ގައުމު ކަމުގައިވާއިރު އެގަމުތަކަށް ރައީސް ކުރައްވާ ދަތުރުފުޅުތަކުގައި ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގެ ކުރިއެރުމަށް ލިބިދާނެ އެހީތަކަކީ ކޮބައިތޯ ބައްލަވައިދެއްވުމަށް ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އެދިފަ އެވެ.