06 Feb 2014, 15:43
އަންނަ މާޗް މަހުގެ 22 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނަށް ޚާއްސަ ކޮށްގެން ޚާއްސަ އިޝްތިހާރު ޕެކޭޖެއް ސަން އޮންލައިންގައި މިއަދު ތަޢާރަފުކޮށްފި އެވެ.
ސަން މީޑިއާ ގުރޫޕުގެ އާ ކްރިއޭޓިވް ޑައިރެކްޓަރު އިސްމާޢީލް ޒާހީ ޒާހިދު (ޒާހީ) ވިދާޅުވި ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އަމާޒުކޮށްގެން ސަން އޮންލައިންގައި މި ލޯންޗް ކުރި ސްލޮޓު ތަކުގައި އިޝްތިހާރު ކުރެއްވުމުން އެއްފަހަރާ އެތައް ހާސް ބަޔަކަށް ފެނިގެން ދިޔުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ އެވެ. އަދި މި އިޝްތިހާރު ސްލޮޓުތައް ސަން އޮންލައިންގެ ފުރަތަމަ ސޮފުހާ ފިޔަވައި އެހެން ކޮންމެ ސޮފުހާ އަކަށް ވަޑައިގަތަސް ފެންނާން ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޒާހީ ވިދާޅުވީ މި ސްލޮޓު ތަކުގައި އިޝްތިހާރު ކުރައްވާ ފަރާތްތަކުން ބޭނުންވާ ނަމަ، އެ ބޭފުޅެއްގެ އިޝްތިހާރަށް ފިތައިލުމުން އެ ބޭފުޅެއްގެ ފޭސްބުކް ޕޭޖަށް ދެވޭ ގޮތަށް ލިންކް ވެސް ބޭނުން ނަމަ ލައިދެވޭނެ ކަމަށެވެ. އަދި އޮންލައިން ސްލޮޓުގައި އިޝްތިހާރު ކުރުމުން ކެންޑިޑޭޓު ބޭނުން ވަގުތެއްގައި އެ އިޝްތިހާރު ބަދަލު ކުރުމާއި އިޝްތިހާރު މެދުވެރިކޮށް ދޭން ބޭނުންވާ މެސެޖު އާކޮށްލުން ފަދަ ފަސޭހަތައް ލިބޭނެ ކަމަށް ވެސް ޒާހީ ވިދާޅުވި އެވެ.
"ސަންގައި އަޅުގަނޑުމެން މި ލޯންޗް ކުރާ ސްލޮޓުތަކުގެ ސަބަބުން ކެންޑިޑޭޓުން ވަރަށް ބޮޑަށް އިޝްތިހާރު ވެގެން ދާނެ. ކޮންމެ ދުވަހަކު އެތައް ހާސް ބަޔަކަށް ފެންނާނެ. އަނެއްކާ މި ސްލޮޓުތައް ސަން އޮންލައިންގެ ހުރިހާ ސޮފުހާއަކުން ވެސް ފެންނާން ހުންނާނެ. މާނަ އަކީ ސަން އަށް ވަދެ އާޓިކަލެއް ކިޔާ ކޮންމެ މީހަކަށް މި އިޝްތިހާރުތައް ފެންނާނެއޭ،" ޒާހީ ވިދާޅުވި އެވެ.
ސަން މީޑިއާ ގުރޫޕުގެ މާކެޓިން ޑިޕާޓްމެންޓުން ވިދާޅުވީ، ސަން އޮންލައިންގައި މި ތަޢާރަފު ކުރި އިޝްތިހާރު ތަކުގެ އިތުރުން ސަން ޓީވީ ޕްލަސް އާއި ސަން އެފްއެމް އިން ވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ޚާއްސަކޮށްގެން އިޝްތިހާރު ސްލޮޓުތައް ތަޢާރަފުކޮށްފައިވާ ކަމަށެވެ.