06 Feb 2014, 15:41
މުވައްޒަފުންނަށް އިތުރު ގަޑީގައި ދޭނެ ފައިސާ ބަޖެޓުގައި ނެތުމުން އާންމުކޮށް ވަރަށް ގިނަ ވަގުތު މަސައްކަތްތައް ކުރިއަށް ގެންދާ ސިވިލް ކޯޓު ރަސްމީ ގަޑި ނިމުމާ އެކު ތިނެއް ޖަހާއިރު ކޮންމެ ދުވަހަކު ވެސް ބަންދު ކުރަން ނިންމައިފި އެވެ.
ސިވިލް ކޯޓުގެ ގާޒީންގެ އާންމު މަޖިލީހުން މިއަދު ނިންމާފައިވާ ނިންމުމުގައި ބުނެފައި ވަނީ އެ ކޯޓަށް ހުށަހަޅާ މައްސަލަތައް ގިނަކަމުންނާއި އިދާރީ މަސައްކަތްތައް ކުރިއަށް ގެންދަނީ އިތުރު ގަޑީގައި ކަމަށެވެ.
އެ ނިންމުމުގައ ބުނެފައި ވަނީ މުވައްޒަފުން ލައްވައި އިތުރު ގަޑީގައި މަސައްކަތް ކުރެވެނީ ވަޒީފާއާ ބެހޭ ގާނޫނުގައި އެކަން ބަޔާންކޮށްފައި އޮންނަ ގޮތަށް ކަމަށާއި ނަމަވެސް މި އަހަރުގެ ބަޖެޓުގައި އިތުރު ގަޑީގައި ދޭން ހިމަނާފައިވާ ފައިސާ ފެބްރުއަރީ މަހަށް ހުސްވެފައި ވާތީ މުވައްޒަފުން ލައްވައި ރަސްމީ ގަޑީގެ އިތުރަށް މަސައްކަތް ނުކުރެވޭނެ ކަމަށެވެ.
"އިތުރު ގަޑީގެ ފައިސާ ނުދެވޭ ގޮތަކަށް މުވައްޒަފުން ލައްވައި އިތުރު ގަޑީގެ މަސައްކަތް ކުރުވުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން،" އެ ނިންމުމުގައިވެ އެވެ.
އެ ނިންމުގައި ބުނެފައި ވަނީ ރަސްމީ ގަޑި ހަމަވުމާ އެކު ކޯޓުން ބަންދު ކުރާ ނަމަ އެ ކޯޓުގެ މަސައްކަތަށް ބުރޫ އަރައި އާންމުންނަށް ވެސް ގެއްލުންތަކެއްވާނެ ކަމަށާ ނަމަވެސް "ކަން މި ނޫން ގޮތަކަށް ކުރުމަށް ގާނޫނު ހުއްދަ ނުކުރާތީ" އިތުރު ގަޑީގެ މަސައްކަތް ނުކުރުމަށް ނިންމީ ކަމަށެވެ.
އިތުރު ގަޑީގައި މުވައްޒަފުންނަށް ދޭނެ ފައިސާ ހޯދުމަށް މަސައްކަތް ވަރަށް މަސައްކަތް ކޮށްފައިވާ ކަމަށާއި ނަމަވެސް މިހާތަނަށް ވެސް އެ ފައިސާ ހަމަޖެހޭނެ ކަމުގެ އިޝާރާތެއް ވެސް ލިބިފައިނުވާ ކަމަށް އެ ސިވިލް ކޯޓުން ބުނެފައިވެ އެވެ.
މި ނިންމުން ނިންމާފައި ވަނީ ސިވިލް ކޯޓުގެ ނުވަ ފަނޑިޔާރުންގެ ތެރެއިން ވޯޓަށް އެހިއިރު ތިއްބެވި ހަތް ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ.
މުޅި ރާއްޖޭގެ ނިސްބަތުން ބަލާއިރު ވެސް ސިވިލް ކޯޓަކީ އެންމެ ގިނައިން މައްސަލަ ހުށަހަޅާ ކޯޓެވެ. މިދިޔަ ޖެނުއަރީ މަހު އެކަނި ވެސް އެ ކޯޓަށް 308 މައްސަލަ ހުށަހަޅާފައިވެ އެވެ. އެ ކޯޓުގައި މިވަގުތު ބަލަމުންދާ މައްސަލަތަކުގެ އަދަދު 2208 އަރަ އެވެ.