ޓޫރިޒަމް ގުޑްސް އެންޑް ސާވިސް ޓެކްސް (ޓީޖީއެސްޓީ) އަންނަ ނޮވެމްބަރު މަހުން ފެށިގެން 12 ޕަސެންޓަށް ބޮޑުކުރުމަށާއި ނޮވެމްބަރާ ހަމައަށް ބެޑް ޓެކްސް ނަގަމުން ގެންދިޔުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިސްލާހުތައް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެ އިސްލާހުތައް ތަސްދީގު ކުރެއްވުމާއި އެކު މިއަދު ވަނީ ސަރުކާރުގެ ގެޒެޓުގައި އެ އިސްލާހުތައް ޝާއިއުކޮށްފަ އެވެ. އެ އިސްލާހުތަކަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެނެވެ.

ޓޫރިޒަމް ގާނޫނާއި ޓެކްސް ގާނޫނަށް ގެނައި އިސްލާހުތައް ރައީސް ތަސްދީގުކުރެއްވުމުން، މިހާރު ހުއްޓާލާފައިވާ އަށް ޑޮލަރުގެ ބެޑް ޓެކްސް، މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އަލުން ނަގަމުންދާނެ އެވެ. އަދި ނޮވެމްބަރު މަސް ނިމުމާ އެކު ބެޑް ޓެކްސް ނެގުން ހުއްޓާލައި މިހާރު ނަގަމުން އަންނަ އަށް ޕަސެންޓްގެ ޓީޖީއެސްޓީ 12 ޕަސެންޓަށް ބޮޑު ކުރުމަށް ވެސް މިއަދު ފާސްކޮށްފައިވެ އެވެ.

ޓެކްސްއާ ބެހޭ ގާނޫނުގެ ދަށުން ނަގާ ޓީޖީއެސްޓީ، އަށް ޕަސެންޓުން 12 ޕަސެންޓަށް ބޮޑު ކުރުމަށް ފުވައްމުލަކު އުތުރުދާއިރާގެ މެންބަރު މުހައްމަދު ރަފީގު ހުށަހެޅުއްވި އިސްލާހު ފާސްކޮށްފައި ވަނީ 39 މެންބަރުންގެ ވޯޓުންނެވެ.

ޓީޖީއެސްޓީ ނަގަން ފެށުމާ އެކު މިއަހަރުން ފެށިގެން ނުނަގާ ގޮތަށް ކުރިން އޮތް އަށް ޑޮލަރުގެ ބެޑް ޓެކްސް މިއަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް ނެގުމަށް މާވަށު ދާއިރާގެ މެމްބަރު އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރު ހުށަހެޅުއްވި އިސްލާހް ފާސްކޮށަފައި ވަނީ 38 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އަދި އެ ބިލް ފާސްކުރުމާ ދެކޮޅަށް 18 މެންބަރަކު ވޯޓު ދެއްވާފައިވެ އެވެ.

ރިސޯޓްތަކުގެ މުއްދަތު އިތުރު ކުރުމަށް ދައްކާ ފީ ދެ އަހަރަށް ބަހާލައިގެން ދައްކަން ޖެހޭ ގޮތަށް ޓޫރިޒަމް ގާނޫނަށް ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހިމް އަމީން ހުށަހެޅުއްވި އިސްލާހު ވެސް ފާސްކުރީ 38 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ބިލް ފާސްކުރުމާ ދެކޮޅަށް ވެސް 18 މެންބަރަކު ވޯޓުދެއްވާފައި ވެއެވެ.