ސްޕެނިޝް ކަޕުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ރެއާލް ސޮސިއެޑާޑް އަތުން 2-0 އަކުން މޮޅުވެ އެންމެ ގިނަ ފަހަރު އެ ކަޕް ކާމިޔާބު ކޮށްފައިވާ ބާސެލޯނާ ފައިނަލާ ގާތަށް ޖެހިލިއިރު އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް އަތުން 3-0 އިން މޮޅުވެ ރެއާލް މެޑްރިޑް ވެސް މުބާރާތުގެ ފައިނަލާ ގާތަށް ޖެހިލައިފި އެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު ވާދަވެރި މެޗުގައި ފެނުނު ތިން ގޯލުގެ ތެރެއިން ދެ ގޯލަކީ އެތުލެޓިކޯގެ ކުޅުންތެރިންގެ އަތުން ބައިކޮޅަށް ވަން ގޯލްތަކެކެވެ. އެގޮތުން މެޗްގެ 17 ވަނަ މިނެޓުގައި ފުރަތަމަ ފަހަރަށް ރެއާލް މެޑްރިޑަށް ލީޑް ލިބިފައިވަނީ ޑިފެންޑަރު ޕެޕޭ ޖެހި ބޯޅައަކުން އެތުލެޓިކޯގެ އެމިލިއާނޯ އިންސުއާ އަތުން ބައިކޮޅަށް ލަނޑެއް ވަދެގެންނެވެ.

ރެއާލް މެޑްރިޑަށް ދެވަނަ ލަނޑު ކާމިޔާބު ކޮށްދީ އެ ކްލަބަށް ލީޑް ފުޅާކޮށްދިނީ މެޗްގެ 57 މިނެޓުގައި ޖެސޭ ރޮޑްރިގޭޒް އެވެ. މެޗްގައި ރެއާލް ޖެހި ތިންވަނަ ލަނޑު 73 ވަނަ މިނިޓްގައި އެތުލެޓިކޯގެ ގޯލަށް ވަނީ އެޓީމުގެ މިރަންޑާ އަތުން އަތުންނެވެ.

ރޭ ކުޅުނު ކޮޕާ ޑެލް ރޭގެ ސެމީ ފައިނަލްގެ އަނެއް މެޗުން 26 ފަހަރު އެ ކަޕް ކާމިޔާބު ކޮށްފައިވާ ބާސާ މޮޅުވެފައިވަނީ ރެއާލް ސޮސިއެޑާޑް އަތުން 2-0 އަކުންނެވެ. ބާސާގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗްގައި އެޓީމަށް ލީޑް ނަގައިދިނީ މެޗްގެ ފުރަތަމަ ހާފް ނިމެން މިނެޓަކަށް ވެފައިވަނިކޮށް ސާޖިއޯ ބުސްކެޓްސް އެވެ.

މެޗްގެ ފުރަތަމަ ހާފް ނިމެން މިނެޓަކަށް ވެފައިވަނިކޮށް ރެއާލް ސޮސިއެޑާޑްގެ ޒުވާން ޑިފެންޑަރު އިނީގޯ މާޓިނެޒްއަށް ދެއްކި ރަތް ކާޑާއި އެކު އެ ކްލަބުން ދެވަނަ ހާފް ކުޅެން ޖެހުނީ އެކަކު މަދުކޮށެވެ.

މި މެޗުގައި ބާސާ ކާމިޔާބުކުރި ދެވަނަ ލަނޑަކީ މެޗްގެ 60 ވަނަ މިނެޓުގައި ސޮސިއެޑާޑްގެ ގޯލް ކީޕަރު ޒުބިކަރާއީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗްގައި ބާސާގެ ސެސް ފެބްރިގާޒް އަށާއި އެލެކްސް ސަންޗޭޒްގެ އިތުރުން އަނިޔާއަށްފަހު ކުޅެން ނުކުމެފައިވާ ހުނަރުވެރި ފޯވާޑް މެސީއަށްވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި އެހެން ނަމަވެސް ވަނީ ބޭކާރުވެފަ އެވެ.

ކޮޕާ ޑެލް ރޭގެ ސެމީ ފައިނަލުގެ ދެވަނަ ލެގްގައި ރެއާލް އާއި އެޓްލެޓިކޯ މެޑްރިޑް މިމަހުގެ 12 ވާ ބުދަ ދުވަހު ބައްދަލުކުރާއިރު ސެމީ ފައިނަލުގެ އަނެއް މެޗްގެ ދެވަނަ ލެގްގައި ބާސާ އާއި ރެއާލް ސޮސިއެޑާޑް ބައްދަލުކުރާނީ 13 ވާ ބުރާސްފަތި ދުވަހު އެވެ.