16 Dec 2010, 06:09
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ނަމުގައި ޖީއެމްއާރުން ސްރީލަންކަން އެއާލައިންސް އިން ދެ ޓިކެޓް ނަގާފައިވާ ކަމަށް ކުރާ ތުހުމަތުގެ މައްސަލަ އުމަރު ނަސީރު ހުށަހެޅުއްވުމުގެ ކުރިން ވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ ބަލަން ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވީ އުމަރު ނަސީރު އެ މައްސަލަ އޭސީސީއަށް ހުށަހެޅުއްވެވި އިރު އެއީ "ކޮންމެހެން ބަލަން ޖެހޭ މައްސަލައެއް ކަމަށް" އޭސީސީން ނިންމާފައިވާ ކަމަށެވެ. ތަސްމީނާއި ޝާހިދުގެ ނަމުގައި ނަގާފައިވާ ކަމަށް ބުނާ ދެ ޓިކެޓްގެ ވާހަކަ މީޑިޔާގައި ފެތުރެން ފެށި ހިސާބުން ފެށިގެން އޭސީސީގެ ސަމާލު ކަމަށް މުޅި އެ މައްސަލަ ގެނެސްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"މީޑިޔާގައި މި މައުލޫމަތުތައް ފެތުރެން ފެށުމާ އެކު އަޅުގަނޑުމެންގެ ސަމާލު ކަމަށް އެކަން ވަރަށް ބޮޑަށް ގެނެސްފިން،" ލުތުފީ ވިދާޅުވި އެވެ.
ލުތުފީ ވިދާޅުވީ ރަސްމީކޮށް އެކަމުގެ ޝަކުވާ އައުމުގެ ކުރިން މައްސަލަ ބަލަން ނިންމެވީ މުޅި މައްސަލަ ނިސްބަތް ވަނީ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ލީޑަރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ކަމަށްވެފައި އެ ތުހުމަތުތަކަކީ އާންމުންނަށް ސާފުވާން ޖެހޭ ތުހުމަތުތަކެއް ކަމަށް އޭސީސީއަށް ފެންނާތީ ކަމަށެވެ.
"މިހާރު ވަނީ ކޮމިޝަންގެ އެތެރޭގައި އެފަދަ މައްސަލަތައް ބަލާ އުސޫލުގެ މަތިން ބަލަން ހަވާލުކޮށްފައި،" ލުތުފީ ވިދާޅުވި އެވެ.
މައްސަލައިގައި މިހާރު ގޮސްފައިވާ ހިސާބެއް އޭސީސީގެ ރައީސް ވިދާޅެއް ނުވެ އެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން އަދި ތަސްމީނާއި ޝާހިދުއާ ސުވާލުކޮށްފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.
ޑީއާރުޕީގެ ލީޑަރު ތަސްމީން އާއި މަޖިލީހުގެ ރައީސް ޝާހިދުގެ ނަންފުޅުގައި ޖީއެމްއާރުން ސްރީލަންކަން އެއާލައިންސްގެ ޓިކެޓް ނަގާފައިވާ ކަމަށް ތުހުމަތުކުރައްވައި އުމަރު ނަސީރު އެ މައްސަލަ އޭސީސީއަށް ލޮޖް ކުރެއްވީ މި މަހުގެ 13 ވަނަ ދުވަހު އެވެ.
އެ މައްސަލަ އުމަރު ހުށަހެޅުއްވެވި އިރު، އޮކްޓޯބަރު 30، 2010 ގައި ކޮލޮމްބޯ މަގުން ދިއްލީއިން މާލެ ވަޑައިގަތުމަށް އެފްސީއެމް ޓްރެވެލް ސޮލިއުޝަނުން ޝާހިދާއި ތަސްމީނުގެ ނަންފުޅުގައި ދޫކޮށްފައިވާ ދެ ޓިކެޓުގެ މައްސަލާގައި ޖީއެމްއާރުގެ އިތުރުން ތަސްމީނާއި ޝާހިދު ވެސް ތަކުރާރުކޮށް އެއީ އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާ ކަމެއް ނޫން ކަމަށް ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން އޭސީސީގެ ރައީސް މިއަދު ވިދާޅުވީ އިމިގްރޭޝަން ބޯޑާ ކޮންޓްރޯލް ސިސްޓަމާ ގުޅިގެން އޭސީސީއަށް ހުށަހެޅިފައިވާ މައްސަލާގައި ކޮމިޝަނުން ފެއްޓެވި ތަހުގީގުގައި ނިންމެވި ގޮތް އަންނަ ހަފުތާގެ ތެރޭގައި ރަސްމީކޮށް ހާމަކުރައްވާނެ ކަމަށެވެ.