ކްރިމިނަލް ކޯޓަށް ދައުލަތުން ހުށަހަޅާފައިވާ މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހިމެނޭ ތިން މީހަކު ކޯޓަށް ހާޒިރު ކުރުމަށްޓަކައި އެމީހުން ހޯދަން އިއުލާންކޮށްފި އެވެ.

ފުލުހުންގެ ހޯދަމުންދާ ތިން މީހުންނަކީ ސ. ހިތަދޫ، ނައިޓްވިލާ ހަސަން ޝައުގީ، 42 އާއި ކ. ކާށިދޫ، މާފޮޅޭގޭ، އިބްރާހިމް މައުރޫފް، 28، އަދި ނ. މަނަދޫ، ސީސަންގޭ، މުހައްމަދު ޢަބްދުލްމަޖީދު، 32، އެވެ.

މީގެ ތެރެއިން ހަސަން ޝައުގީއަކީ ކްރިމިނަލް މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމާއި ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމާއި ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާ އެއްޗެއް ބޭނުން ކުރުމުގެ ކުށުގެ މައްސަލައަކަށް އެކޯޓަށް ހާޒިރު ކުރުމަށް ހޯދާ މީހެކެވެ.

އިބްރާހިމް މައުރޫފާއި މުހައްމަދު އަބްދުލްމަޖީދަކީ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ މައްސަލައަކަށް އެކޯޓަށް ހާޒިރުކުމަށް ބޭނުންވާ ދެ މީހުންނެވެ.