06 Feb 2014, 13:59
އައިޖިއެމްއެޗްގެ ސެކިއުރިޓީ ބެލެހެއްޓުން ފުލުހުންގެ ރިޒާވްފޯސް އާއި ހަވާލުކޮށްފި އެވެ.
މިއަދު ހެނދުނު އައިޖީއެމް ހޮސްޕިޓަލުގައި ބޭއްވި ހަފްލާއެއްގައި އެ އެއްބަސްވުމުގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ސޮއިކުރެއްވީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ހުސައިން އާދަމް އެވެ. އައިޖީއެމްއެޗްގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓް ޑައިރެކްޓާ އަހްމަދު އަލީ އެވެ.
އެ އެއްބަސްވުމުގެދަށުން އެ ހޮސްޕިޓަލުގައި ސެކިއުރިޓީ ބަލަހައްޓަން ޖެހޭ ހުރިހާ ތަނެއްގެ ސެކިއުރިޓީ 24 ގަޑިއިރު ވަންދެން ކޮންމެ ދުވަހަކު ވެސް ފުލުހުންގެ ރިޒާވް ފޯސް އިން ބަލަހައްޓާނެ އެވެ.
"ހޮސްޕިޓަލުގައި ހިނގާ ވައްކަމާއި ފޭރުމާއި އެހެނިހެން ކަންކަން ވަގުތުން ހުއްޓުވައި އެފަދަ ކުށްކުރާ ފަރާތްތައް ހޯދައި ފުލުހުންނާ ހަވާލުކުރެވޭނެ، މީގެ އިތުރުން ތަނުގެ ތެރޭގައި މަސްލަޙަތު ނަގާލައި ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ތަނުގެ މުވައްޒަފުންނަށް އިންޒާރުދީ ބިރުދައްކާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުންނާ ހަވާލު ކުރެވޭނެ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާލުވި އެވެ.
ފުލުހުން ބުނީ އެ އެއްބަސްވުމުގެ ދަށުން ރިޒާވް ފުލުހުންގެ 35 ފުލުހުން ހޮސްޕިޓަލުގައި ޑިއުޓީ އަދާކުރަމުންދާނެ ކަމަށެވެ.
އައިޖީއެމް ހޮސްޕިޓަލަކީ ވައްކަމުގެ ގިނަ މައްސަލަތަކެއް ހިނގާ ހޮސްޕިޓަލެކެވެ. އެގޮތުން އެތަނުގައި އެޑްމިޓްކޮށްފައިތިބޭ ބަލިމީހުންކައިރީގައި ތިބޭ މީހުންނާއި އެތަނަށް ޒިޔާރަތްކުރާ މީހުންގެ ފޯނުފަދަތަކެތި ވަގަށް ނެގުންފަދަ ކަންކަން ހިމެނެ އެވެ.