06 Feb 2014, 13:09
އެލްމޯބައިލް ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ތިނެއްގެ އިއްޔެ ހަވީރު އޭވައިއެލް އަތުން 1-0 މޮޅުވެ، ކެލާ ނާޅި ސްޕޯޓްސް ކުއާޓާފައިނަލަށް ދަތުރުކޮށްފި އެވެ.
ޓާފް އެއް ނަންބަރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި އޭވައިއެލް ކޮޅަށް ކެލާ ނާޅިން ޖެހި ހަމައެކަނި ލަނޑު މެޗުގެ އެޓީމަށް ކާމިޔާބު ކޮށްދިނީ މުހައްމަދު އަމީންނެވެ. އޭނާ އެލަނޑު ކާމިޔާބު ކުރީ މެޗުގެ 64 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ.
ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި މޮޅު ކުޅުމެއް ފެނިގެން ދިޔަ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ކެލާ ޓީމުގެ ގާސިމް އަތޫފް އެވެ.
އިއްޔެގެ މޮޅާ އެކު ގްރޫޕް ތިނެއްގެ ކުއާޓާފައިނަލުގެ ފަހު ޖާގަ ކެލާޓީމުން ހޯދި އިރު، މިގްރޫޕުން ކުއާޓާފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކުރީ އޭދަފުށި ޒުވާނުންގެ ކުލަބުންނެވެ.
މިމުބާރާތުގައި މިއަދު ހަވީރު ގްރޫޕް އެކެއްގެ ދެމެޗް ކުޅުމަށް ހަމަޖެހިފައިވާ އިރު، ފުރަތަމަ މެޗުގައި ހަވީރު 4:10ގައި ބައްދަލުކުރާ ދެޓީމަކީ މަހިބަދޫ އާއި ގްރީން ސްޓްރީޓެވެ. އަދި ދެ ވަނަ މެޗުގައި މިރޭ 8:30ގައި ބައްދަލުކުރާ ދެ ޓީމަކީ އީގަލްސް އާއި ވިކްޓަރީ ސްޕޯޓްސް ކުލަބެވެ.
މި އަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި 13 ޓީމު ބައިވެރިވެފައިވާ އިރު ޓީމުތައް ވަނީ ތިން ގްރޫޕަކަށް ބަހާލާފަ އެވެ. އެގޮތުން ގްރޫޕް އެކެއްގައި ފަސް ޓީމު ހިމަނާފައިވާ އިރު އަނެއް ދެ ގްރޫޕުން ކޮންމެ ގްރޫޕެއްގައި ވެސް ހިމެނެނީ ހަތަރު ޓީމެވެ.
މުބާރާތް ރާވާފައި ވަނީ ކޮންމެ ގްރޫޕަކުން ގަދަ ދެ ޓީމާއި ގްރޫޕްތަކުގެ ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެ ޓީމާ އެކު އަށް ޓީމު ކުއާޓާ ފައިނަލަށް ހޮވޭ ގޮތަށެވެ. ކުއާޓާ ފައިނަލް މެޗުތައް ފަށާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު އެވެ. އަދި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ފެބްރުއަރީ 16 އަދި 17ގައި ކުޅުމަށް ހަމަޖެހިފައިވާ އިރު މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ ފެބްރުއަރީ 20 ވަނަ ދުވަހު ހަވީރު އެވެ.
އެފްއޭއެމުން 2011 ވަނަ އަހަރު ތައާރަފް ކުރި އެ މުބާރާތަކީ ޖަޕާން ފުޓްބޯލް އެސޯސިއޭޝަން (ޖޭއެފްއޭ)ގެ އެހީތެރިކަމާ ބާއްވަމުން އަންނަ މުބާރާތެކެވެ.
މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަންޓީމަކީ ވެލެންސިއާ އެވެ.