06 Feb 2014, 13:04
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން އިކޮނޮމިކް މިނިސްޓްރީން ޖެނުއަރީމަހުގެ ހަ ވަނަ ދުވަހު ހުޅުވާލި 23 މިލިއަން ރުފިޔާގެ ލޯން ސްކީމަށް 26 މިލިއަން ރުފިޔާއަށް ވާވަރަށް މީހުން އެދިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީއިން ބުނެފިއެވެ.
އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް ޑިވެލޮޕްމެންޓްގެ އެސޯސިއޭޓާ ފާތުމަތު ތަސްނީމް ވިދާޅުވީ މިއަދާއި ހަމައަށް މިހާތަނަށް ލޯނަށް އެދި 114 އެޕްލިކޭޝަން ހުށައަޅާފައިވާ ކަމަށެވެ.
"23 މިލިއަން ރުފިޔާގެ މި ލޯނަށް މިހާރުވެސް މާ ގިނައިން ވަނީ އެޕްލިކޭޝަން ލިބިފަ، މިހާރު ލިބިފައިވާ އެޕްލިކޭޝަން ތަކަށް ބަލާއިރު ގާތްގަނދަކަށް 26 މިލިއަން ރުފިޔާއަށް އަރާ" ތަސްނީމް ވިދާޅުވި އެވެ.
ތަސްނީމް ވިދާޅުވީ، ލޯނަށް އެދުމުގެ ފުރުސަތު މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ބަންދު ވާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ގިނަ ލޯންތަކަކަށް ފުރުސަތު ހުޅުވާލާނެ ކަމަށް ވިދާޅުވިއެވެ.
ތަސްނީމް އިތުރަށް ވިދާޅުވީ އެ ލޯނު ދިނުމުގައި ޒުވާނުންނާއި އަންހެނުންނަށް ހާއްސަ ސަމާލުކަމެއްދޭއިރު ލޯނަށް އެދި ގިނަ އަދަދެއްގެ އަންހެނުންނާއި ޒުވާނުން އެދިފައިވާ ކަމަށެވެ. މިއަހަރުގެ ކުރިއަށް އޮތްތަނުގައިވެސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ކުރެވިގެން ގިނަ ލޯނު ސްކީމްތަކެއް ތައާރަފްކުރެވިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ކުދި އަދި މެދުފަންތީގެ ކަންކަމާއި ހަވާލުހުންނަވާ ލަމްޔާ އިބްރާހިމް ވިދާޅުވީ ކުދިއަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން އެމިނިސްޓްރީއިން ހިންގާ ޕުރޮގްރާމްގެ ނަން "އަގި" އަށް ބަދަލުކޮށް މިމަހުގެ 10 ވަނަ ދުވަހު ނެޝަނަލް މިއުޒިއަމްގައި ބާއްވާ ހަފްލާއެއްގައި ހާއްސަ ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެތަނުގައި ތަފާތް މައުލޫމާތްތައް ހިއްސާ ކުރެވިގެންދާނެ ކަމަށް ވިދާޅުވި އެވެ.
ކުދިއަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހިންގާ ހާއްސަ ޕްރޮގްރާމްގެ "ރީބުރޭޑް"އާއޮ އެކު އެފަދަ ވިޔަފާރިތަކަށް އެހީތަކަށް އެދުމާއި މަސައްކަތްތައް ކުރުމަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް ލަމްޔާ ވިދާޅުވި އެވެ.