ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް ފުޅާ ދާއިރާއެއްގައި އެތަކެތީގެ ވިޔަފާރިކުރާ ބޮޑު ނެޓުވޯކުގެ ވެރިޔާ މ. ލޮނުމިދިލިގޭ އިބްރާހީމް ޝަފާޒު އަބްދުއްރައްޒާގު (ސަފާ) ބޭސް ފަރުވާއަކަށް ސްރީލަންކާ އަށް ފޮނުވައިފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ޝާވިސްގެ އޮފިޝަލަކު މިއަދު ވިދާޅުވީ އޭނާ ބޭސް ފަރުވާއަކަށް ދިއުމުގެ ހުއްދައަކަށް އެދުމުން ލަންކާ އަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އޭނާއާ އެކު އެ ސާވިސްގެ އެއްވެސް މުވައްޒަފަކު ނުދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް ރާއްޖެ އިން ބޭރުގައި ހޭދަކުރުމަށް ހުއްދަ ދީފައި ވަނީ ކިހާ ދުވަހެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ޝަފާއާ އެކު އޭނާ އަނބިމީހާ ވެސް ވަނީ ފުރައިގެން ގޮސްފަ އެވެ.

ސަފާގެ މައްޗަށް ހުކުމްކޮށްފައި ވަނީ 2006 ވަނަ އަހަރުން ފެށިގެން ސްރީލަންކާ މީހަކާ ގުޅިގެން ފުޅާދާއިރާއެއްގައި ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ މައްސަލައެއްގައި 2011 ވަނަ އަހަރު އަތުލައިގަތުމަށް ފަހު އެމައްސަލަ ޝަރީއަތަށް ޝާބުތުވެގެންނެވެ.

އެ މައްސަލާގައި ސަފާގެ މައްޗަށް މިދިޔަ ނޮވެމްބަރު މަހުގެ 26 ގައި އޭނާގެ މައްޗަށް ހުކުމްކޮށްފައި ވަނީ 18 އަހަރަށް ޖަލަށްލުމާ އެކު 75،000ރ. އިން ޖޫރިމަނާކުރުމަށެވެ.

ސަފާގެ މައްޗަށް ޝަރީއަތުގައި ކުށް ޝާބިތުވެފައި ވަނީ ޝަރީއަތަށް ހުށަހަޅާފައިވާ ހެކިތަކުގެ މައްޗަށް ބިނާކޮށެވެ. އެގޮތުން ލަންކާ މީހަކާ އެކު ސަފާ ފޯނުން ކޮށްފައިވާ މުއާމަލާތްތަކާ ވެސްޓަން ޔޫނިޔަން މެދުވެރިކޮށް ގިނަ އަދަދެއްގެ ފައިސާ ރާއްޖެ އިން ބޭރަށް ފޮނުވާފައިވާކަން ޝަރީއަތަށް ވަނީ ސާބިތުވެފަ އެވެ.

ހ. ފަށަންގެއިން ފެނުނު ގިނަ އަދަދެއްގެ މަސްތުވާތަކެތީގެ އިސް މީހެއްގެ ގޮތުގައި ސަފާ ހައްޔަރުކޮށްފައިވާ އިރު އެ މައްސަލާގައި އޭނާގެ އިތުރުން ހަތް މީހެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވާ އިރު އޭގެ ތެރެއިން ފަސް މީހަކަށް ވަނީ ތަފާތު އެކި ހުކުމްތައް ކޮށްފަ އެވެ.

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ބޭނުން ކުރަމުން ގެންދިޔަ އެ ނެޓްވޯލް ފުލުހުން އަތުލައިގެންފައި ވަނީ 2009 ވަނަ އަހަރުން ފެށިގެން "އޮޕަރޭޝަން ޗެލެންޖް"ގެ ނަމުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ.

ސަފާއަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށް ޝަރީއަތަށް ސާބިތުވެގެން ރިހެބްލިޓޭޝަނުން ފަރުވާ ފުރިހަމަކޮށްފައިވާ މީހެކެވެ.