06 Feb 2014, 12:20
ރައީސް ޔާމީން ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީން ހާސިލް ކުރަން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ސްކޫލުތަކުގައި އަރަބި ބަސް ކިޔަވައިދިނުން އަންނަ ހަފްތާގައި ފަށާނެ ކަމަށް އެ މިނިސްޓަރީން ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު މިއަދު ސަން އަށް ވިދާޅުވީ، އަންނަ ހަފްތާއިން ފެށިގެން އަރަބި ބަސް ކިޔަވައިދޭން ފަށާއިރު އެ މާއްދާ ފުރަތަމަ ކިޔަވައިދޭން ފަށާނީ ކްލާސްތައް ހިންގުމުގެ ޖާގަ ހުރި ސްކޫލުތަގަކުގައި ކަމަށެވެ. އެގޮތުން ރާއްޖޭގެ 12 ސްކޫލެއްގައި އަރަބި ބަސް އޮޕްޝަނަލް މާއްދާއެއްގެ ގޮތުގައި އަންނަ ހަފްތާއިން ފެށިގެން ކިޔަވައިދޭން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަންނަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން މާލޭގެ ފަސް ސްކޫލެއްގައި އަދި އަތޮޅުތަކުގެ ހަތް ސްކޫލެއްގައި އަރަބި ބަސް ކިޔަވައިދޭން ފަށާނެ. ސްކޫލުތައް އަޅުނގަޑުމެން ހަމަޖައްސާފައިވަނީ ސްކޫލުތަކުގައި ހުރި ވަސީލަތްތަކާއި ޓީޗަރުންނަށް ބެލުމަށްފަހު. އަންނަ ހަފްތާގައި ރިސޯސް ޓީޗަރުން ހޯދުމަށް އިއުލާން ކޮށް ލިބޭ ވަރަކުން އަރަބި ބަސް ކިޔަވައިދޭ ސްކޫލުތައް ދާނީ އިތުރުކުރަމުން،" ނަޒީރު ވިދާޅުވި އެވެ.
ނަޒީރު ވިދާޅުވީ ގްރޭޑް އެކަކުން ފަށާ އެ ކްލާސްތައް ކިޔަވައިދޭނީ ކަރިކިއުލަމްގެ ތެރެއަށް ވަދެގެންދާ ހާއްސަ ކްލާސްތަކެއްގެ ގޮތުގައި ކަމަށާއި ނަމަވެސް އަންނަ އަހަރުގެ ގައުމީ މަންހަޖުގައި އަރަބި ބަސް ވަކިން މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ފަށާނެ ކަމަށެވެ.
މާލޭގައި ހުރި ސްކޫލުތަކުގެ ތެރެއިން އަންނަ ހަފްތާގައި އަރަބި ބަސް ކިޔަވައިދޭން ފަށަނީ، ހިރިޔާ ސްކޫލް، މަޖީދިއްޔާ ސްކޫލް، އަމީނިއްޔާ ސްކޫލް، ތާޖުއްދީން ސްކޫލް އަދި ވިލިމާލޭގައި ހުންނަ މުހްޔިއްދީން ސްކޫލްގަ އެވެ.
އަތޮޅުތަކުގައި އަރަބި ބަސް ކިޔަވައިދޭން ފަށަނީ ޅ. ނައިފަރު ގައި ހުންނަ މަދްރަސަތުލް އިފްތިތާހް، ބ. ތުޅާދޫ ސްކޫލް، ގދ. ތިނަދޫގައި ހުންނަ އަބޫބަރުކުރު ސްކޫލް، ސ. މަރަދޫ ސްކޫލް، ފޭދޫ ސްކޫލް، ސ. މީދޫގައި ހުންނަ ޝަމްޝުއްދީން ސްކޫލް އަދި ސ. ހުޅުދޫ ސްކޫލްގަ އެވެ.
އަރަބި މީޑިއަމަށް ކިޔަވައިދޭނެ ސްކޫލު ގާއިމުކުރާނެ ދެ ރަށެއް ކަނޑައަޅައި ސްކޫލު ކޮންސެޕްޓު ޑިޒައިންކޮށް ނިންމުމަކީވެސް މި ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ހާސިލް ކުރަން ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.