06 Feb 2014, 11:39
ނަސޯރާ ދީނުގެ ރޯމަން ކެތަލިކް މަޒްހަބުގެ ފައްޅިތަކުގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައިގައި ޔުނައިޓެޑް ނޭޝަންސް ( ޔޫއެން) އިން ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
ޔޫއެން އިން އިއްޔެ ނެރުނު ރިޕޯޓެއްގައި ވެޓިކަންގައި ހުންނަ ރޯމަން ކެތަލިކް މަޒްހަބުގެ މައި ފައްޅިއަށް ގޮވާލާފައި ވަނީ އެފައްޅީގެ އެކި ދަރަޖަތަކުގައި ތިބި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ފާދިރީން ވަކިކުރުމަށެވެ. އަދި އެފަދަ ކަންތައްތައް ފޮރުވުމަށް އެހީތެރިވި ފަރާތްތައް ޒިންމާދާރު ކުރުމަށް ޓަކައި ފައްޅީގެ އާކައިވްތައް، ގާނޫނު ހިންގާ ފަރާތްތަކަށް ހުޅުވާލުމަށް ވެސް ރިޕޯޓްގައި ވަނީ ގޮވާލާފަ އެވެ.
ޔުނައިނެޓްނޭޝަންސް ކޮމިޓީ އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް ( ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރާ ކޮމިޓީ) އިން ނެރުނު އެރިޕޯޓްގެ ބޭނުމަކީ ފައްޅިތަކުގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ބަލާ ގޮތަށް، އެކަށީގެންވާ ބަދަލުތައް ގެނައުމަށް ޕޯޕް ފްރެންސިސްއަށް ބާރުއެޅުން ކަމަށް ބެލެވޭ ކަމަށް އެމެރިކާގެ ނިއުޔޯކް ޓައިމްސް ބުންޏެވެ. އެފަދަ ބަދަލުތަކެއް ފައްޅިތަކަށް ގެންނަވަން ޕޯޕް ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ވައުދުވެވަޑައިގެންފަ އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި ފައްޅިތަކުން ކުރިއްސުރެ އަމަލުކުރަމުން އައި ގޮތުގެ އިތުރުން މިހާރު އަމަލުކުރާ ގޮތަށް ވެސް ރިޕޯޓްގައި ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.
"... ކުށްކޮށްފައިވާ މިންވަރު ފައްޅިން ބަލައިގެންފައި ނުވާތީ ކޮމިޓީން ވަރަށް ބޮޑަށް ކަންބޮޑުވެ އެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކަށް އެޑްރެސް ކުރުމަށާއި ކުޑަކުދިން ހިމާޔަތްކުރުމަށް އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާތީވެސް މެއެވެ،" ރިޕޯޓްގައި ވެއެވެ.