މ. ފެއަރީ ކޯނާ އަލީ ޝިފާން މަރާލި މައްސަލައިގެ އިސްތިއުނާފު ޝަރީއަތް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދިގެން ކެންސަލްކޮށްފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ހައިކޯޓުގެ އޮފިޝަލަކު ވިދާޅުވީ މިއަދު ބާއްވަން ތާވަލްކުރި ޝަރީއަތުގެ މަޖިލީސް ކެންސަލްކޮށްފައި ވަނީ ޕީޖީ އޮފީހުން އެދިގެން ކަމަށާއި އެ އޮފީހުން އެގޮތަށް އެދިފައި ވަނީ އެ މައްސަލައިގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރައްވާ ވަކީލު ޗުއްޓީގައި ހުންނެވުމުން ކަމަށެވެ.

ދެހާސް ބާރަވަނަ އަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުގެ ހަވީރު 4:45 އެހާކަންހާއިރު ވެސްޓް ޕާކް ރެސްޓޯރެންޓް ކުރިމަތީގައި އަލީ ޝިފާން ހުއްޓައި ވަޅިން ހަމަލާދީ އޭނާ މަރާލި ކަމުގެ ތުހުމަތުގައި ހަ މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރި އެވެ.

އެ ހަމީހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ އެ މައްސަލައިގައި ހެކިބަސްދީފައިވާ މީހުން ތަހުގީގު މަރުހަލާގައި އާއި ޝަރުއީ މަރުހަލާގައިދީފައިވާ ހެކިބަހުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ޝުބުހައެއް އެކުލެވޭ ހެކިބަސްތަކެއްގެ މައްޗަށް ބިނާކޮށް މީހެއްގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށް ސާބިތުކުރެވިދާނެ ކަމަށް ޝަރީއަތަށް ނުފެންނަ ކަމަށެވެ.

ހަ މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމް ކުރިނަމަވެސް ދައުލަތުން އިސްތިއުނާފުކޮށްފައި ވަނީ ތިން މީހެއްގެ މައްސަލަ އެވެ. އެ ތިން މީހުންނަކީ މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު 2193 މުހައްމަދު ޝައިފަން އާއި މ. ސިވިލްވަނެސްޓް މުހައްމަދު މިޝާން އަބްދުލް ހާދީގެ އިތުރުން މ. ދިންމަނަ އަބްދުﷲ ތިލްމީޒު އެވެ.

ޕީޖީ އޮފީހުން ބުނީ ދެންތިބި މީހުންގެ މައްސަލަ އިސްތިއުނާފު ކޮށްފައި ނުވަނީ އެ މީހުންގެ މައްސަލަ އިސްތިއުނާފުކުރާނެ ތަނެއް ނެތުމުން ކަމަށެވެ.