ޓައިމްސް މެގަޒިންއިން ކޮންމެ އަހަރަކު ވެސް ހޮވާ އަހަރުގެ ޝަހުސިއްޔަތުގެ ލަގަބު ފޭސްބުގެ މަސްއޫލުވެރިޔާ އަދި ބާނީ މާކް ޒުކަބާކް އަށް ލިބިއްޖެ އެވެ.


އަހަރުގެ ޝަހުސިއްޔަތަކީ އަހަރުގެ ތެރޭގައި ހިނގާ މުހިންމު ކަންތައްތަކަށް އެންމެ ބޮޑަށް ނުފޫޒު ފޮރުވާ ފަރާތްތަކަށް ދެވޭ ލަގަބެކެވެ. މާކް ޒުކަބާކްގެ ފޮޓޯ ޓައިމްސް މެގަޒިންގެ ބޭރުގަނޑުން ޖާގަ ހޯދުމުން ދުނިޔޭގެ އެންމެ ހަގު މީހަކަށް މި ލަގަބު ލިބޭ މިއީ ދެ ވަނަ ފަހަރެވެ. އުމުރުން 26 ޒުކަބާކް އަށް މި ލަގަބު ލިބިފައި ވަނީ އޭނާގެ ސަބަބުން މީހުންގެ ދިރިއުޅުން މުޅިން އެހެން ވައްޓަފާޅިއަކަށް ބަދަލުކޮށްލާތީ ކަމަށް ޓައިމްސް މެގަޒިންގެ މެނޭޖިން އެޑިޓަރު ރިޗަޑް ސުޓެންޗެލް ވިދާޅުވެފައިވެ އެވެ.


އެތައް ބިލިއަން ބަޔަކު ބޭނުންކުރަމުން އަންނަ ސޯޝަލް ނެޓުވޯކު ފޭސްބުކުގެ، ޒުކަބާކަށް އެ އެވޯޑު ލިބިފައި ވަނީ އެމެރިކާ ސަރުކާރުގެ ސިއްރު ލިޔެކިޔުންތައް ލީކުކުރަމުން އަންނަ މަޝްހޫރު ވިކިލީކްސްގެ ވެރިޔާ ޖޫލިޔަން އަސާންޖް އާ ވާދަކޮށްގެންނެވެ. އެކަމާ ގުޅިގެން އަސާންޖް އަށް ސަޕޯޓު ކުރާ ގިނަ މީހުން ބުނަމުން ދަނީ އެ ލަގަބު އެންމެ ހައްގު މީހަކީ މިހާރު ވެސް ލަންޑަނުގެ ޖަލުގައި ހުރި އަސާންޖު ކަމަށާއި އެ މަގާމު އަސާންޖު އަށް ނުދިނީ އަސާންޖުގެ މަގުބޫލުކަން އާންމުންގެ މެދުގައި މިހާރަށް ވުރެ އިތުރު ވެދާނެތީ ކަމަށެވެ. އަދި މިއީ އިންސާފުގެ މަގު އެއްކިބާވުން ކަމަށް ވެސް އެމީހުން އަންނަނީ ބުނަމުންނެވެ.


ޓައިމްސް މަގެޒިންއިން ނެގި ވޯޓުން ޒުކަބާކު އާ އެންމެ ކައިރިން ވާދަކޮށްފައި ވަނީ އެމެރިކާގެ މިޑް ޓާމް އިލެކްޝަންގައި ހައިރާންކުރުވަނިވި ނަތިޖާއެއް ހޯދި ޓީ ޕާޓީ އެވެ. އަދި އެލިސްޓުގެ ތިން ވަނަ ލިބުނީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ ވިކިލީކްސްގެ ފައުންޑާ އަސާންޖު އަށެވެ.


ނަމަވެސް ޓައިމްސް މެގަޒިން އިން މީގެ ކުރިން ނެގި ނުރަސްމީ ވޯޓެއްގައި ކިޔުންތެރިން އަހަރުގެ ޝަހުސިއްޔަތަކަށް ހޮވީ އަސާންޖެވެ. އަދި އެ ވޯޓުގައި ދެ ވަނަ އަށް ދިޔައީ ލޭޑީ ގާގާ އެވެ.


ޓައިމްސް މެގަޒިން ބާޒާރަށް ނިކުންނާނީ މާދަމާގެ ވަގުތެއްގަ އެވެ.