06 Feb 2014, 11:20
ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން ތިމާވެށި ހިމާޔާތްކުރާ ފަރާތްތަކަށް ދެވޭ "އާތުޗެކް ގޯލްޑް" ސެޓްފިކެޓް ލިބުނު ރާއްޖޭގެ ފުރަތަމަ ރިސޯޓަކަށް ތާޖް އެގްޒޯޓިކާ ރިސޯޓް އެންޑް ސްޕާއަށް ވެއްޖެ އެވެ.
ތިމާވެށި ހިމާޔަތްކުރުމާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭލުންތެރި ކުރުވުމުގެ ގޮތުން ގޮތުން ދުނިޔޭގައި ދެވޭ އެންމެ ޝަރަފުވެރި ސެޓްފިކެޓް، ތާޖް އެގްޒޯޓިކާއަށް ލިބިފައި ވަނީ، އެ ރިސޯޓުން ހިންގާ ތިމާވެށި ހިމާޔާތްކުރުމާއި ތިމާވެއްޓަށް މީހުން ހޭލުންތެރިކުރުވުމާއި އަދި ތިމާވެއްޓާ ގުޅުން ހުރި ތަފާތު މަސައްކަތްތަކުގެ ސަބަބުންނެވެ.
އާތުޗެކް ޕްރޮގްރާމަކީ، ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ތިމާވެށި ހިމާޔަތްކުރުމަށް ހިންގާ ތަފާތު ހަރަކާތްތަކާއި މަޝްރޫއުތައް ސައިންސް-ބޭސްޑް ވިސްނުމެއްގެ ދަށުން މޮނިޓާކުރާ މިންގަނޑެކެވެ.
ތާޖް އެގްޒޯޓިކާ އިން ތިމާވެށި ހިމާޔާތްކުރުމަށް މިހާތަނަށް ހިންގާފައިވާ ތަފާތު ޕްރޮގްރާމްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް ކަންތައްތަކުގެ ތެރޭގައި 2011 ވަނަ އަހަރު އެ ރިސޯޓުން ތައާރަފްކުރި "ރީފް ރިޗާޖް" ޕްރޮގްރާމާއި ޕްލާސްޓިކް ފުޅި ބޭނުންކުރުމުގެ ބަދަލުގައި ބިއްލޫރި ފުޅީގައި ފެން ބަންދުކޮށްގެން ބޭނުން ކުރުމަށް ހިންގާ ޕްރޮގްރާމާއި ހަކަތަ މަދުން ބޭނުންކުރާ ބޮކި ފަދަ ތަކެއްޗާއި ފްލަޝިން ސިސްޓަމް ބޭނުން ކުރުންފަދަ ކަންކަން ހިމެނެ އެވެ.
ތާޖު އެކްޒޯޓިކާއަކީ، ތިމާވެށީގެ އިތުރުން އިޖްތިމާއީ ކަންކަމުގައި ވެސް ފާހަގަކޮށްލެވޭ ރިސޯޓެކެވެ. އެގޮތުން މާފުށީގައި ހުންނަ އެޑިއުކޭޝަން ޓްރެއިނިން ސެންޓަރު ފޯ ޗިލްޑްރަންސް (އީޓީސީސީ) އަށް އެ ރިސޯޓުގެ ފަރާތުން ތަފާތު އެހީތެރިކަން ފޯރުކޮށްދެމުން ގެންދެ އެވެ. އޭގެ ތެރޭގައި ރިސޯޓުގެ މެނޭޖުމަންޓުންނާއި މުވައްޒަފުން އަހަރަކު މަދުވެގެން ދެފަހަރު އެ ސެންޓަރަށް ޒިޔާރަތްކޮށް އެތަނުގައި ތިބޭ ކުދިންނާ އެކު ވަގުތު ހޭދަކުރުމާއި އެކުދިންނަށް ބޭނުންވާ ކާނާގެ ބާވަތްތައް މަހުންމަހަށް ފޮނުވާކަމަށްވެ އެވެ.
"ވަގުތަކީ މުހިއްމު އެއްޗެއް. އަހަރެމެންގެ މި މުހިއްމު ވަގުތުތަކުގެ ތެރެއިން ބައެއް، މިފަދަ ކުދިންނާއެކު ހޭދަކޮށް އެކުދިންގެ މުސްތަގުބަލު ބިނާކުރަން ކަމެއް ކޮށްދިނުން އެއީ އެކަމަކު އަހަރެންނަށް މައްސަލައެއް ނޫން،" ތާޖް އެގްޒޯޓިކާގެ ޖެނެރަލް މެނޭޖަރު ރަންޖީތު ފިލިޕޯސް ވިދާޅުވި އެވެ.