06 Feb 2014, 11:09
ގައުމީ މުހިންމު މައްސަލަތަކާ މެދު މަޝްވަރާކޮށް ޚިޔާލު އުފެއްދުމަށް ގައުމީ ޔުނިވާސިޓީން މިދިޔަ އަހަރު ފެށި ސިލްސިލާ ސެމިނާ، "އިލްމީ ފޯވަހި" މިއަހަރު ވެސް ކުރިއަށް ގެންދަން ފަށައިފި އެވެ.
ފެކަލްޓީ އޮފް އެޑިއުކޭޝަންގެ އޮޑިޓޯރިއަމްގައި ރޭ އޮތް މިއަހަރުގެ ފުރަތަމަ ސެމިނާގައި މައުލޫމާތު ދީފައިވަނީ "ދިވެހި އައިޑެންޓިޓީ ބައްޓަންކުރުމުގައި ފޯކްލޯގެ ދައުރު"ގެ މައްޗަށެވެ. އެ ސެމިނާ ހުށަހަޅައިދިނީ ފެކްލަޓީ އޮފް އާޓްސްގެ ފަރާތުންނެވެ.
ގައުމީ ޔުނިވާސިޓީގެ ޕޯސްޓް ގްރެޖުއޭޓް ރިސާޗް ސެންޓަރުގެ ސީނިއާ ލެކްޗަރާ ޑރ. މިޒްނާ މުހައްމަދު ވިދާޅުވީ އިލްމު ކުރިއަރުވައި އިލްމީ ހަރަކާތްތަކަށް މުޖުތަމައުގެ ޝައުގުވެރިކަން އިތުރުކުރުވުމަށާއި މުޖުތަމައުގައި އިލްމީ ބަހުސްތަކަށް ފުޅާދާއިރާއެއްގައި ފުރުސަތު ހުޅުވާލުމުގެ މަގްސަދުގައި ފެށި އެ ސިލްސިލާ ސެމިނާތައް މިމަހުން ފެށިގެން މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.
މިޒްނާ ވިދާޅުވީ އާއްމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ އެ ސެމިނާތަކުގައި ކޮންމެ މަހަކުވެސް ގައުމީ މުހިއްމު މައްސަލަތަކަށް ޔުނިވާސިޓީގެ ފެކްލަޓީތަކުން މައުލޫމާތު ދިނުން އޮންނާނެ ކަމަށެވެ.
އެގޮތުން މިއަހަރުގެ ސިލްސިލާ ސެމިނާތަކުގެ ތެރެއިން ދެވަނަ ސެމިނާގައި މިމަހުގެ 26 ވަނަ ދުވަހު ފެކަލްޓީ އޮފް މެނޭޖްމަންޓް އެންޑް ކޮމްޕިއުޓިންގެ ފަރާތުން "ދިވެހިރާއްޖޭގެ ޓެކްސް ނިޒާމް" އާއި ބެހޭގޮތުން މައުލޫމާތު ދިނުމުގެ ސެމިނާއެއް އޮންނާނެ ކަމަށްވެސް މިޒްނާ ވިދާޅުވި އެވެ.