ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓް މެދުވެރިކޮށް ސެކިއުރިޓީޒް ބްރޯކަރޭޖް ވިޔަފާރިކުރުމުގެ ފުރުސަތު، ސެކިއުރިޓީ ބްރޯކަރޭޖް ވިޔަފާރިކުރާ ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް ހުޅުވާލައިފި އެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑިއޭ) އިން ބުނީ، ރާއްޖޭގައި ބްރޯކަރޭޖް ހިދުމަތް ދިނުމަށް ޝައުގުވެރިވާ ބޭރުގެ ކުންފުނިތަކަށް އެކަމަށް އެދި "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުސަތު ބުދަދުވަހުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.

ސީއެމްޑީއޭއިން ރާއްޖޭގެ ހިއްސާ ބާޒާރަށް، 2004 ވަނަ އަހަރު ސެކިއުރިޓީޒް ބްރޯކަރޭޖް ވިޔާފާރި ތައާރަފްކުރިފަހުން، ރާއްޖޭގެ ހަތަރު ކުންފުންޏަކަށް ވަނީ އެ ހިދުމަތް ދިނުމުގެ ހުއްދަ ދީފަ އެވެ.

"ރާއްޖެއިން ބޭރުގެ ބްރޯކަރޭޖް ކުންފުނިތަކަށް ރާއްޖޭގައި ބްރޯކަރޭޖް ހިދުމަތް ދިނުމުގެ ހުއްދަ ދިނުމަކީ، އެ ކުންފުނިތަކުން މި ވިޔަފާރީގައި ހާސިލްކޮށްފައިވާ ތަޖުރިބާއާއި ހުނަރު، ހޯދުމަށް ޝައުގުވެރިވާ ދިވެހިންނަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމުގައި ސީއެމްޑިއޭއިން ދެކެން،" ސީއެމްޑިއޭއިން ބުންޏެވެ.

ސީއެމްޑިއޭ އިން ބުނީ، ރާއްޖޭގައި ހިދުމަތްދޭ ފަރާތްތަކުން އެ އޮތޯރިޓީން ކަނޑައަޅާފައިވާ ގަވާދުތަކާއި ހުއްދައަށް އެދި ހުށަހަޅާ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަނާއި އެހެނިހެން މައުލޫމާތު އެ އޮތޯރިޓީގެ ވެބްސައިޓްގައި ލިބެން ހުންނާނެ ކަމަށެވެ.