06 Feb 2014, 10:33
މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ދަށުގައި އޮންނަ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޑިވެލޮޕްމަންޓް ބޯޑު (ސީއައިޑީބީ) އެކުލަވާލައިފި އެވެ.
ސީއައިޑީބީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތު ތަރައްގީކޮށް ކުރިއެރުވުމާއި އެ ދާއިރާގެ ސިޔާސަތުތަކާއި ގަވާއިދުތަކާއި އުސޫލުތައް އެކަށައެކުޅުމާއި އަދި އިމާރާތްކުރުމުގެ ދާއިރާގެ އެންމެހައި ކަންކަމުގައި ހައުސިން މިނިސްޓްރީ އަށް ލަފާދިނުން ހިމެނެ އެވެ.
ހައުސިން މިނިސްޓްރީން ބުނީ، ސީއައިޑީބީ އަށް ބޭފުޅުން އައްޔަންކޮށްފައި ވަނީ ތަފާތު 11 ދާއިރާއަކުން ބޭފުޅުން ހިމަނައިގެން ކަމަށެވެ. އެގޮތުން ބޯޑުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ހައުސިން މިނިސްޓްރީގެ ފަރާތުން މިނިސްޓަރު މުހައްމަދު މުއިއްޒު އާއި އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ޒިޔާދު ހިމެނިވަޑައިގަންނަވަ އެވެ.
ބޯޑުގައި ހިމެނޭ އެހެނިހެން ދާއިރާތަކުގެ ބޭފުޅުންގެ ތެރޭގައި، ފިނޭސް މިނިސްޓްރީގެ ފަރާތުން ޑިރެކްޓަރު ޕްރޮޖެކްޓް ޑިޒައިނިން، ރިލްވާން އާދަމް އާއި، އެޓާނީ ޖެނެރަލް އޮފީހުން ޑެޕިއުޓީ ސްޓޭޓް އެޓާނީ، މުހައްމަދު އަސީލް ހަސަން އާއި، އިކޮނޮމިކް މިނިސްޓްރީ އިން ސްޓޭޓް މިނިސްޓަރު އަހްމަދު ފާރިޝް މައުމޫން އާއި އެލްޖީއޭގެ ފަރާތުން ޑިރެކްޓަރު ޖެނެރަލް ޝަމްއޫން އާދަމް ހިމެނިވަޑައިގަންނަވަ އެވެ.
އަދި މަސީގެ ފަރާތުން އެ ޖަމިއްޔާގެ ރައީސް އަބްދުﷲ މުހައްމަދު އާއި، ގައުމީ ޔުނިވާސިޓީގެ ފަރާތުން އެތަނުގެ ލެކްޗަރާ ޣާނިމް މުހައްމަދު އާއި މޯލްޑިވްސް ނޭޝަނަލް ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ ފަރާތުން ބޯޑު މެންބަރު މުހައްމަދު ފައިސަލް އާއި، އާކިޓެކްޗާ އެސޯސިއޭޝަންގެ ފައުންޑާ މެންބަރު އިބްރާހީމް އަބްދުﷲ ސައީދު އާއި އިންޖީނިއާސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަދުނާނު އަލީ އާއި އިމާރާތް ކުރުމުގެ ދާއިރާއިން މުހައްމަދު އަލީ ޖަނާހް ހިމެނެ އެވެ.
ބޯޑުގައި އިތުރަށް ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ، މިނިސްޓަރުގެ މަންދޫބުގެ ގޮތުން ހައުސިން މިނިސްޓްރީގެ ޑިރެކްޓަރު ޒުހުރުﷲ ޒިޔާދުއާއި ޑެޕިއުޓީ ޑިރެކްޓަރު އަބްދުﷲ ފާޔާޒުގެ އިތުރުން އޯޕީޕީގެ އޮފިސާ އިންޗާޖު އަންވަރު އަލީ އެވެ.