ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރާ ފަރާތްތަކުގެ ތެރެއިން މިހާރު ވެސް އެ ޕާޓީގެ މަޖިލިސް މެމްބަރުންގެ ގޮތުގައި ތިއްބެވި މެމްބަރުން ނޫން ފަރާތްތަކުގެ ޕްރައިމަރީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ޒުހެއިރު މިއަދު ސަން އަށް ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖައްސާފައި ވަނީ މިހާރު ރައްޔިތުންގެ މަޖިލިސް މެމްބަރަންގެ ގޮތުގައި އެ ޕާޓީގައި ތިއްބެވި ބޭފުޅުން ފިޔަވައި އެހެން ހުރިހާ ދާއިރާތަކުގެ ޕްރައިމަރީ ކަމަށެވެ.

"ޕީޕީއެމްގެ މަޖިލިސް މެމްބަރުން ކުރިމަތިލައްވާފައިވާ ދާއިރާތަކުގެ ޕްރައިމަރީ ބޭއްވުމާ މެދު އަދި ވަކި ގޮތެއް ކަނޑަނޭޅާ،" ޒުހެއިރު ވިދާޅުވީ އެވެ.

ހޮނިހިރު ދުވަހު ބާއްވާ ޕްރައިމަރީ ކުރިއަށް ދާނީ އެ ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 10:00 ގެ ނިޔަލަށެވެ. އަދި އެ ދުވަހުގެ ޕްރައިމަރީގައި މާލޭގައި ވޯޓްލާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު މިއަދު ހެނދުނު 10:00 އިން ރޭގަނޑު 12:00 ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައި ވަނީ ޕީޕީއެމްގެ ޓިކެޓް ދިނުމަށް ހަމަޖެހިފައިވާ 49 ދާއިރާގެ ތެރެއިން 27 ދާއިރާއަކަށް ވާދަކުރާ ކެންޑިޑޭޓުންގެ ޕްރައިމަރީ އެވެ.