06 Feb 2014, 10:18
ޖެނީވާ (ފެބްރުއަރީ 6): ދުނިޔޭގެ ގައުމުތަކުގައި ކެންސަރު ބަލި އިތުރުވަމުން ދަނީ ކަންބޮޑުވާން ޖެހޭ މިންވަރަކަށް ކަމަށާއި މިބަލީގައި އަހަރަކު 13 މިލިޔަން މީހުން ދުނިޔޭގެ ގައުމުތަކުން މަރުވަމުންދާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ޑަބްލިޔޫއެޗްއޯ އިން ބުނެފި އެވެ.
ކެންސަރު ބައްޔާ ބެހޭ ބައިނަލްއަޤްވާމީ ދުވަހާ ގުޅުވައިގެން ޑަބްލިޔޫއެޗްއޯ އިންނެރުނު ރިޕޯޓެއްގައިވާ ގޮތުން ކުރިޔަށްއޮތް ވިއްސަކަށް އަހަރު ތެރޭގައި އަހަރަކު 22 މިލިޔަން މީހުންނަށް ކެންސަރު ޖެހޭނެ ކަމަށް ލަފާކުރެ އެވެ. އެހެންކަމުން މިބަލިން ސަލާމަތްވުމަށާއި އަދި ބަލިޖެހިއްޖެ ހިދެއްގައި އަވަހަށް ފަރުވާ ލިބިގަތުމުގައި އިތުރަށް ސަމާލުނުވެއްޖެ ނަމަ ފުރާނަ ސަލާމަތް ކުރުމުގެ ފުރްސަތު ގެއްލިގެންދާނެ ކަމުގެ އިންޒާރު މިރިޕޯޓްގައި ދީފައިވެ އެވެ.
ކެންސަރަށް ދެވޭ ފަރުވާ ތަރައްޤީވަމުން ދިޔަ ނަމަވެސް މިބަލީގެ ސަބަބުން މަރުވާމީހުންގެ އަދަދު ފާއިތުވި ދެއަހަރު ތެރޭގައި އަށް މިލިޔަނުން 13 މިލިޔަނަށް އިތުރުވެފައިވާކަން މިރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. ނަމަވެސް ކެންސަރަށް ދެވޭ ފަރުވާއާއި އެކަމުގެ ޓެކްނޮލޮޖީ އާއި ބޭސް ތަރައްގީވަމުން ދިޔުމުގެ ނަތީޖާއެއްގެ ގޮތުންނާއި ހޭލުންތަން އިތުވެގެން ދިޔުމުގެ ސަބަބުން ބައެއް ބާވަތްތަކުގެ ކެންސަރުތަކަށް ޝިފާލިބި އެއިން ސަލާމަތްވާ މީހުންގެ އަދަދާއި ނިސްބަތް ވެސް އިތުރުވެފައިވާކަން ފާހަގަކޮށްފައިވެ އެވެ.
ޑަބްލިޔޫއެޗްއޯ އިން ނެރުނު ކެންސަރާ ބެހޭ ރިޕޯޓް ބުނާ ގޮތުން ކެންސަރު ޖެހޭމީހުންގެ ނިސްބަތާއި އަދި މިބަލީގައި މަރުވާ މީހުންގެ ނިސްބަތް އިތުރު ވަމުންދަނީ ތަރައްޤީ ވަމުން އަންނަ (ތިންވަނަ ދުނިޔޭގެ) ގައުމުތަކުގަ އެވެ. ތަރައްޤީވެފައިވާ ގައުމުތަކުގައި ކެންސަރު ކޮންމެ ވެސް ވަރަކަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި މިއާޚިލާފަށް ތަރައްގީ ވަމުން އަންނަ ގައުމުތަކުގައި އަހަރުން އަހަރަށް މިބަލި އިތުރުވަމުންދާކަން ޑަބްލިޔޫއެޗްއޯގެ ރިޕޯޓްގައި ފާހަގަ ކޮށްފައިވެ އެވެ. ކެންސަރު ބަލި އުފެދެނީ ހަށިގަނޑުގެ ސެލްއެއްގެ ޑީއެންއޭ އަށް އަންނަ ބަދަލުތަކާ ގުޅިގެން އެސެލްއެއް ކެންސަރު ސެލްއަކަށް ބަދަލުވުމާ ގުޅިގެންނެވެ. (ރޮއިޓާސް)