06 Feb 2014, 10:08
ސިނަމާލެ ފްލެޓެއްގެ ޑިޝް އެންޓެނާގައި އަޅުވާފައި އޮތް ޓީޝާޓަކުން ގިނަ އަދަދެއްގެ ލޭ ފައިބަމުން ދިޔުމާ ގުޅިގެން ފުލުހުން މިއަދު އެ މައްސަލައިގައި ދެމަފިރިއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިއަދު ހެނދުނު 8:20 އެހާކަންހާއިރު ސިނަމާލެ1، ފްލެޓުގެ ބޭރުގައި ލޭ ހުރި ކަމަށް ބުނެ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ އިމާރާތުން 24 އަހަރުގެ އަންހެނަކާއި 25 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ސިނަމާލޭ 1ގެ ދެ ވަނަ ބުރީގެ ހުރިހާ ފްލެޓެއް ހޯދުމަށް ފަހު ފުލުހުން ހައްޔަރު ކުރީ ދެމަފިރިންނެވެ. އެނގިފައިވާ ގޮތުގައި އެ ދެމަފިރިންގެ މެދުގައި މައްސަލައެއް ޖެހި، އަންހެންމީހާ ރުޅި އައިސްގެން އޭނާގެ އަމިއްލަ އަތަށް ތޫނު އެއްޗަކުން ހަމަލާދިނީ އެވެ.
ފުލުހުން އެ ދެމަފިރިން ދިރިއުޅޭ އެޕާޓްމަންޓަށް ވަތް އިރު އެ ދެމަފިރިން ތިބީ ނިދާފައި ކަމަށްވެ އެވެ. އެއިރު ވެސް އަންހެން މީހާގެ އަތުގައި ލޭ ހުރި ކަމަށްވެ އެވެ. އެޕާޓްމަންޓުގެ ބޭރުން ޑިޝް އެންޓެނާގައި އަޅުވާފައި އޮތް ޓީޝާޓަކީ އޭނާގެ އަތުން ލޭ ފޮހުމަށް ފަހު އަޅުވާފައި އޮތް ޓީޝާޓެއް ކަމަށް ބެލެވެ އެވެ.
ފުލުހުން ބުނީ އެ ދެ މީހުންނަކީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ ދެ މީހުން ކަމަށެވެ.