06 Feb 2014, 09:51
ލަންޑަން (ފެބްރުއަރީ 6): ފާއިތުވި އަހަރު ސައޫދީ އަރަބިޔާ އިން ހަތިޔާރުގަތުމަށާއި ޢަސްކަރީ ކަންތައްތަކަށް ކުރިޚަރަދު އިނގިރޭސިވިލާތަށް ވުރެ އިތުރުވެފައިވާ ކަމަށް ކަމާ ބެހޭ ދިރާސާ ރިޕޯޓަކުން ހާމަވެއްޖެ އެވެ.
ލަންޑަންގައި މަރުކަޒު ހުންނަ ސްޓްރެޓީޖިކް ދިރާސާތަކާ ބެހޭ ބައިނަލްއަޤްވާމީ އިންސްޓިޓިއުޓުން ނެރުނު މިރިޕޯޓްގައިވާ ގޮތުން 2013 ވަނަ އަހަރު ސައޫދީ އަރަބިޔާ އިން ހަތިޔާރުގަތުމަށާއި ޢަސްކަރީ ކަންތައްތަކަށް ކުރިޚަރަދު ވަނީ އެ އަހަރު އިނގިރޭސިވިލާތުން ދިފާޢީ ކަންތައްތަކަށް ކުރި ޚަރަދުތަކަށް ވުރެ ފުރަތަމަ ފަހަރަށް އިތުރުވެފަ އެވެ.
މިއާއެކު 2013 ވަނަ އަހަރު ދުނިޔޭގައި ޢަސްކަރީ ކަންތައްތަކަށް އެންމެ ބޮޑަށް ޚަރަދުކުރި ހަތަރު ވަނަ ގައުމުގެ ދަރަޖަ ލިބިފައި ވަނީ ސައޫދީ އަރަބިޔާއަށެވެ. މިރިޕޯޓްގައިވާ ގޮތުން ދުނިޔޭގައި ޢަސްކަރީ ކަންކަމަށް އެންމެ ބޮޑަށް ޚަރަދުކުރާ ގައުމުގެ ގޮތުގައި އަދިވެސް އޮތީ އެމެރިކާ އެވެ. ފާއިތުވި އަހަރު އެމެރިކާ އިން ޢަސްކަރީ ކަންކަމަށް 600 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކޮށްފައިވާ އިރު މިއީ ދުނިޔޭގެ ހުރިހާ ގައުމަކުން ޢަސްކަރީ ކަންކަމަށް ކުރި ޚަރަދުގެ 38 އިންސައްތަ ކަން މިރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން 2013 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޢަސްކަރީ ބަޖެޓްގެ މިންވަރަކީ 35 ބިލިޔަން ސްޓާލިން ޕައުންޑެވެ. އަދި ސައޫދީ އަރަބިޔާގެ ޢަސްކަރީ ބަޖެޓަކީ 45 ބިލިޔަން އެމެރިކާ ޑޮލަރެވެ.
ސްޓްރެޓީޖިކް ދިރާސާތަކާބެހޭ ބައިނަލްއަޤްވާމީ އިންސްޓިޓިއުޓްގެ ރިޕޯޓް ބުނާގޮތުން ހުޅަނގުގެ ގައުމުތަކަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކާ ގުޅިގެން އެގައުމުތަކުގެ ދިފާޢީ ބަޖެޓްތައް ދަނީ ކުޑަކުރަމުންނެވެ. މިގޮތުން އެމެރިކާގެ އަސްކަރީ ބަޖެޓް 2012 ވަނަ އަހަރުން ފެށިގެން ވަނީ ކުޑަކުރަން ފަށާފަ އެވެ. މިރިޕޯޓް ބުނާގޮތުން އެމެރިކާ ފިޔަވައި ދެވަނަ އަށް އެންމެ ބޮޑު ޢަސްކަރީ ބަޖެޓެއް ގެންގުޅެމުންދަނީ ޗައިނާއިންނެވެ.
ޗައިނާގެ ޢަސްކަރީ ޚަރަދުތައް 2010 ވަނަ އަހަރުން ފެށިގެން 2013 އާ ހަމައަށް 40 އިންސައްތައަށް ބޮޑުކޮށްފައިވާ އިރު 2013 ވަނަ އަހަރުގެ ޗައިނާގެ ޢަސްކަރީ ރަސްމީ ބަޖެޓަކީ 112 ބިލިޔަން ޑޮލަރުކަމަށާއި ނަމަވެސް މިއަށް ވުރެ އިތުރަށް އެތައް ބިލިޔަން ޑޮލަރެއް ޢަސްކަރީ ކަންކަމަށް ޗައިނާ ޚަރަދުކޮށްފައިވާ ކަމަށް ބެލެވޭތީ ޗައިނާއިން ޢަސްކަރީ ކަންކަމަށް ކޮށްފައިވާ ޖުމްލަ ޚަރަދު ސާފުނުވާކަމަށް މިރިޕޯޓް ބުނެ އެވެ.
ދުނިޔޭގެ ޢަސްކަރީ ޚަރަދުތަކަށް ބަލާއިރު 2013 ވަނައަހަރު ޢަސްކަރީ ބަޖެޓް ބޮޑުކުރި ގައުމުތަކުގެ ތެރޭގައި ޗައިނާގެ އިތުރުން ސައޫދީ އަރަބިޔާ އާއި ގަލްފުގެ އެހެން ޢަރަބި ގައުމުތަކާއި ޖަޕާނާއި ދެކުނު ކޮރެޔާއާއި ރަޝިޔާއާއި ވިއެޓްނާމް ހިމެނެ އެވެ. މީގެ ތެރެއިން ޖަޕާނާއި ދެކުނު ކޮރެޔާއާއި ވިއެޓްނާމުން ޢަސްކަރީ ޚަރަދުތައް ބޮޑުކޮށްފައި ވަނީ ޗައިނާ އިން ޢަސްކަރީ ޚަރަދުތައް އާދަޔާ ޚިލާފަށް އިތުރުކުރަމުން ގެންދިޔުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށާއި ގަލްފުގެ ޢަރަބި ގައުމުތަކުން ޢަސްކަރީ ބަޖެޓް ބޮޑުކޮށްފައިވަނީ އީރާނުގެ ނިއުކްލިޔަރ ބާރާމެދު ގަންނަ ބިރެއްގެ ސަބަބުން ކަމަށް މިރިޕޯޓް ބުނެ އެވެ.
މީގެއިތުރުން ތޫނިސް މިސްރު އަދި ލީބިޔާއަށް 2011 ވަނަ އަހަރު އައި ރައްޔިތުންގެ އިންތިފާޟާތަކާ އެކު އެގައުމުތަކުގެ ސަރުކާރުތައް ވެއްޓިގެން ދިޔުމާއެކު ސައޫދީ އަރަބިޔާއާއި ގަލްފުގެ ޢަރަބި ގައުމުތަކުން ހަތިޔާރަށާއި ދިފާޢީ ކަންތައްތަކަށް ކުރި ޚަރަދުތައް އިތުރުވެގެން ދިޔަ ކަމަށާއި މިއީ ޢަރަބި ރަބީއުގެ އަސަރުކޮށްފާނެތީ އެކަމާ މެދު ގަތް ބިރެއްގެ ސަބަބުން އެގައުމުތަކުން ކުރި ޚަރަދުތަކެއް ކަމަށް މިރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
ސައޫދީ އަރަބިޔާ އާއި ގަލްފުގެ ގައުމުތަކުން ހުޅަނގުން ހަތިޔާރު ގަތުމަށް ބިލިޔަން ޑޮލަރުން ޚަރަދު ކުރި ނަމަވެސް ކަމެއް ދިމާވެއްޖެ ނަމަ އަދިވެސް އެގައުމުތައް އަމިއްލަ ނަފްސަށް އިޢުތިމާދު ކުރުމުގެ ބަދަލުގައި މުޅިން ބަރޯސާ ވަނީ އެމެރިކާ ސިފައިންގެ މައްޗަށްކަން މިހާތަނަށް ހިނގާފައިވާ އަދި ހިނގަމުންދާ ހާދިސާތަކުންވަނީ ހާމަވެފަ އެވެ. (ނޫސްއެޖެންސީތައް)