06 Feb 2014, 09:41
އަންނަ މަހު ބާއްވަން ހަމަޖައްސާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން އިއްޔެ ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ފެބްރުއަރީ،13، އާ ހަމައަށް އޮންނާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ބިއުރޯގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ޝަކީލް މިއަދު ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު 240،009 މީހުންނަށް ލިބޭ ކަމަށެވެ.
ޝަކީލް ވިދާޅުވީ މިވަގުތު އެ ކޮމިޝަނުން އެންމެ ބޮޑު މަސައްކަތެއް ގޮތުގައި ބަލަނީ ޝަކުވާ ބަލައިގަނެ ލިސްޓް އިސްލާހު ކުރެވޭތޯ ބެލުން ކަމަށެވެ.
"އަޅުގަނޑުމެންނަކަށް ލިސްޓަކަށް އެއްވެސް ބަދަލެއް ނުގެނެވޭނެ. (ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން) ޑީއެންއާރަށް ވޯޓާސް ލިސްޓަށް އިސްލާހު ގެނެވޭނީ. އެހެންވީމާ ހުރިހާ ބޭފުޅުން ވެސް އެބޭފުޅެއްގެ ހުރިހާ މައުލޫމާތެއް ހުރީ ރަނގަޅަށްތޯ ބެލުން ވަރަށް މުހިންމު. އެއިރުން އަޅުގަނޑުމެން އެ މައުލޫމާތެއް ޑީއެންއާރަށް ފޮނުވައިގެން އިސްލާހު ކުރެވޭތޯ ބަލާނަން." ޝަކީލް ވިދާޅުވި އެވެ.