އޮސްޓްރޭލިޔާއަށް ގަވާއިދާ ޚިލާފަށް ހިޖްރަކުރާން މަސައްކަތް ކުރި ބަޔަކު ދަތުރު ކުރި ބޯޓެއް، ފަރަކަށް އަރާ ބޯޓު ހަލާކުވުމުގެ ސަބަބުން ހަތާވީސް މީހުން ގެނބިގެންނާއި އެކިއެކި އަނިޔާތައް ލިބިގެން މަރުވެއްޖެ އެވެ. އޮސްޓްރޭލިޔާގެ ކަސްޓަމް އޮފިޝަލުންނާ ހަވާލާދީ ބީބީސީ ބުނިގޮތުގައި ގޮތުގައި މިހާދިޘާއަށް ފަހު މީހުން ސަލާމަތްކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ސަބަބުން ސާޅީސް ދެމީހުން ސަލާމަތް ކުރެވިފައިވެ އެވެ. އީރާނާއި އިރާޤާއި އެނޫންވެސް ބައެއް ޤައުމުތަކުގެ މީހުން ތިބި ކަމަށް ބެލެވޭ މިބޯޓު، އޮސްޓްރޭލިޔާގެ ކްރިސްމަސް އައިލަންޑް ކިޔާ ޖަޒީރާ ކައިރީގައިވާ ތޫނު ގާތަކަށް އެރުމާއެކު ބޯޓުން ފޫވެއްޓި އެއިންބަޔެއް ކުދިކުދި ވެގެންދިޔަ ކަމަށް ޚަބަރުތައްބުނެ އެވެ.


ޤަވާއިދާ ޚިލާފަށް އޮސްޓްރޭލިޔާއަށް އެތެރެވުމަށް މަސައްކަތް ކުރާ މީހުންނަށް ކްރިސްމަސް ޖަޒީރާގައި ޚާއްސަ ޑިޓެންޝަން ސެންޓަރެއް ގާއިމް ކޮށްފައިވެ އެވެ. އޮސްޓްރޭލިޔާއަށް މިފަދަ ގޮތްގޮތަށް މީހުން ހިޖްރަކުރަނީ އެހެން ޤައުމުތަކަށްވުރެ ލުއިގޮތަކަށް އެޤައުމުން ވަޒީފާއާއި އެނޫންވެސް ދިރިއުޅުމުގެ ފަސޭހަތައް ލިބެންހުންނާތީއާއި އޮސްޓްރޭލިޔާއަކީ އާބާދީ މަދު ޤައުމަކަށްވެފައި ބޭރުގެ މުހާޖިރުން އެޤައުމަށް ބޭނުންވާތީ އެވެ. ކްރިސްމަސް ޖަޒީރާގައި ހުންނަ ޚާއްސަ ޑިޓެންޝަން ސެންޓަރުގައި މިހާރުވެސް ތިން ހާހެއްހާ މީހުން އެބަތިބި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް އޮސްޓްރޭލިޔާއިން ބަލައިގަންނަނީ ޤަވާޢިދާ އެއްގޮތަށް އެޤައުމަށް ހިޖްރަކުރާ މުހާޖިރުން ކަމަށް އެޤައުމުން ބުނެ އެވެ.