މައިކްރޮސޮފްޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ގެ މަގާމަށް އެ ކުންފުނީގައި 22 އަހަރު މަސައްކަތްކޮށްފައިވާ ސާޓީޔާ ނަޑެއްލާގެ ނަން އިއުލާނުކޮށްފި އެވެ.

މިކަން އިއުލާނު ކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. އިންޑިޔާ އަށް އުފަން، 46 އަހަރުގެ ނަޑެއްލާ މިހާ ތަނަށް ހުރީ މައިކްރޮސޮފްޓްގެ ކްލައުޑް ކޮމްޕިއުޓިންގެ ވެރިއަކަށެވެ. ނަޑެއްލާ އަކީ މައިކްރޮސޮފްޓްގެ 38 އަހަރު ވީ ހަޔާތުގައި އައްޔަނުކުރެވޭ 3 ވަނަ ސީއީއޯ އެވެ.

މައިކްރޮސޮފްޓްގެ ސީއީއޯ ސްޓީވް ބަލްމާ އިސްތިއުފާ ދެއްވާނެކަން އިއުލާނު ކޮށްފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހު އެވެ.

މަގާމާ ހަވާލުވުމަށް ފަހު ނަޑެއްލާ ކުރަންޖެހޭނެ އެންމެ ބޮޑު އެއް ކަމަކީ ދާދި ފަހުން މައިކްރޮސޮފްޓުން 7.3 ބިލިއަން ޑޮލަރަށް ގަންނަން ނިންމާފައިވާ ނޮކިޔާގެ މޮބައިލް ފޯނު ވިޔަފާރި ކޮޅެއްގައި ޖެއްސުމެވެ. މިއީ މައިކްރޮސޮފްޓްގެ ވިންޑޯސް-ފޯން ސޮފްޓްވެއާ ކުރިއެރުވުމަށްޓަކައި އެ ކުންފުންޏަށް ވަރަށް މުހިއްމު ޓްރާންސެކްޝަން އެކެވެ.

މައިކްރޮސޮފްޓްގެ ޗެއާމަންކަމާ ދާދި ފަހުން ހަވާލުވި ޖޯން ތޮމްސަން ބުނީ އެ ކުންފުނީގެ ސީއީއޯގެ މަގާމަށް ބޯޑުން ފުރަތަމަވެސް ހިޔާރުކޮށްފައިވަނީ ނަޑެއްލާ ކަމަށެވެ. އަދި ނަޑެއްލާ ހޮވާފައިވަނީ ބޯޑުގެ އިއްތިފާގުން ކަމަށް ވެސް ތޮމްސަން ބުންޏެވެ.

މައިކްރޮސޮފްޓްގެ ބާނީ އަދި ދާދި ފަހަކާ ޖެހެންދެން ކުންފުނީގެ ޗެއާމަންއަކަށް ހުރި ބިލް ގޭޓްސް ބުނީ ޒަމާނާ އެއްގޮތަށް ކުންފުނި ކުރިއަށް ގެންދިއުމަށް ޓަކައި ނަޑެއްލާގެ ބެކްގްރައުންޑް ވަރަށް ފުރިހަމަ ކަމަށެވެ.

“މޮބައިލް ކޮމްޕިއުޓިންގައި ވާދަވެރިކަން އެބޮތް. ފުރުސަތުތައް އޮތީ ކްލައުޑް ކޮމްޕިއުޓިންގައި” ބިލް ގޭޓްސް ބުންޏެވެ.

ނަޑެއްލާގެ ބެލުމުގެ ދަށުގައި އޮތް ކްލައުޑް ކޮމްޕިއުޓިން ޑިވިޝަންގެ ކަސްޓަމަރުން ވަނީ މިދިޔަ ކުއާޓާގައި ދެގުނަ އަށް އިތުރު ވެފައެވެ. މައިކްރޮސޮފްޓްގެ ކުޑަ ޑިވިޝަނެއް ކަމުގައި ވިޔަސް، ކްލައުޑް ކޮމްޕިއުޓިން އިން ވަނީ ދާދި ފަހުން ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައެވެ.

ނަޑެއްލާގެ ބަލުމުގެ ދަށުން މައިކްރޮސޮފްޓްގެ ކްލައުޑް ކޮމްޕިއުޓިން އާއި ސޮފްޓްވެއާ ވިޔަފާރީގެ ދުވެލި މަޑުވިޔަ ނުދީ ހިފަހައްޓާލައި، ގެއްލުން ވަމުންދާ ހާޑްވެއާ ޕްރޮޑަކްޝަންގެ ދާއިރާތައް ރަނގަޅު ކުރެވިދާނެ ކަމުގެ އުއްމީދު އެބަ އޮތް ކަމަށް މާހިރުން ބުނެއެވެ.