ކޮލަންބޯ (ފެބްރުއަރީ 6): ސްރީލަންކާގެ ސިފައިން ތަމަޅަ އާންމުންނާ ދެކޮޅަށް ފުޅާދާއިރާއެއްގައި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގާފައިވާ ކަމަށްބުނެ އެމެރިކާ އާއި ހުޅަނގުގެ އެހެން ގައުމުތަކުން ސްރީލަންކާއާ ދެކޮޅަށް އަމާޒުކުރަމުން ގެންދާ ފާޑުކިޔުންތަކަކީ އިންސާފެއް ނެތް ފާޑުކިޔުންތަކެއް ކަމަށް ރައީސް މަހިންދަ ރާޖަޕަކްސަ ސިފަކުރައްވައިފި އެވެ.
ސްރީލަންކާގައި ކުރިޔަށްދިޔަ އެ ގައުމުގެ 66 ވަނަ މިނިވަން ދުވަހުގެ އިޙްތިފާލްތަކުގައި ވާހަކަފުޅު ދައްކަވަމުން ރާޖަޕަކްސަ ވިދާޅުވީ ހުޅަނގުގެ މިތުހުމަތުތަކާ ގުޅިގެން ސްރީލަންކާގެ ރައްޔިތުންނާއި ސަރުކާރު ބިރުގަނެ ފަސްނުޖެހޭނެ ކަމުގަ އެވެ. އަދި ތަމަޅައިންގެ އިންސާނީ ހައްޤުތަކަށް ސްރީލަންކާ ސަރުކާރުން އަރައިގެންފައިވާ ކަމަށް ބުނެ ހުޅަނގުން ކުރަމުން ގެންދާ ތުހުމަތުތައް ބައިނަލްއަޤްވާމީ ފެންވަރުގައި ހާމަކޮށް ސްރީލަންކާ ކުށްވެރިކުރުމަށް އެމެރިކާ ފަދަ ގައުމުތަކުން މަސައްކަތް ކުރުމަކީ ސްރީލަންކާގައި ހަމަނުޖެހުން އުފެއްދުމުގެ ޚިޔާލު ގެންގުޅޭ ފަރާތްތަކަށްލިބގެންދާނެ ހިއްވަރެއް ކަމަށް ވެސް ރާޖަޕަކްސަ ވިދާޅުވި އެވެ.

މިމައްސަލާގައި ސްރީލަންކާއާ ދެކޮޅަށް އދ. މެދުވެރިކޮށް ޤަރާރެއް ފާސްކުރުމަށް ތާވަލުކުރާނެ ކަމުގެ އިންޒާރު އެމެރިކާ ވަނީ ދީފަ އެވެ. ނަމަވެސް މިމައްސަލާގައި ސްރީލަންކާ އާ ދެކޮޅަށް ހުޅަނގުން ކުރިމަތިކުރާ ފިއްތުންތަކަށް ރަޝިޔާއާއި ޗައިނާ ތާއީދުނުކުރާތީ މިފަދަ ގަރާރެއް ސަލާމަތީ މަޖިލީހުން ފާސްކުރަން އެމެރިކާ މަސައްކަތްކޮށްފި ނަމަ މިދެގައުމުގެ ވީޓޯގެ ބިރާ އެމެރިކާ ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެއްކަމަށް މުޜާސިލުން ބުނެ އެވެ. ރިޕޯޓްތައް ބުނާގޮތުން ސްރީލަންކާ ކުށްވެރިކޮށް ގަރާރެއް ފާސްކުރަން އެމެރިކާ މަސައްކަތް ކުރަމުން ގެންދަނީ ޖެނީވާގައި މަރުކަޒުހުންނަ އިންސާނީ ހައްގުތަކާ ބެހޭ އދ. ގެ ކައުންސިލުންނެވެ. ސަލާމަތީ މަޖިލީހަކުން ނޫނެވެ.

ސްރީލަންކާގެ ދާޚިލީ ހަނގުރާމަ ނިންމާލި ދުވަސްވަރު އިންސާނިއްޔަތާ ޚިލާފު ޖަރީމާތައްތަހްޤީޤްކޮށް އެފަދަ ޖަރީމާތައް ހިންގާފައިވާ ފަރާތްތަކަށް އަދަބު ދިނުމުގައި ސްރީލަންކާ ސަރުކާރު ފެއިލްވެފައިވާ ކަމަށް ވިދާޅުވެ އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ނިޝާ ބިސްވާލް ވަނީ ދާދިފަހުން ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގައި ރާޖަޕަކްސަގެ ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. މިއީ އެމެރިކާއާއި ކެނެޑާފަދަ ހުޅަނގުގެ ހަރުކަށި ގައުމުތަކުން އިންސާނީ ހައްޤުތަކުގެ ނަމުގައި ލަންކާގެ ދާޚިލީ ކަންކަމުގެ ތެރެ އަށް ވަދެގަތުމަށް ހިންގަމުންދާ ޢަމަލެއް ކަމަށް ސިފަކުރައްވައި ރާޖަޕަކްސަ ވަނީ އެފުރްސަތު ހުޅަނގުގެ ބާރުތަކަށް ނުދެއްވާނެ ކަމަށް ކުރިންވެސް ވިދާޅުވެފަ އެވެ.

އަދި އިންސާނީ ހައްޤުތަކުގެ ނަމުގައި ސްރީލަންކާއަށް ފާޑުކިޔަނީ އެހެން ގައުމުތަކާ ދެކޮޅަށް އުދުވާނި ހަނގުރާމަތައްކޮށް އެގައުމުތަކުން މިލިޔަނުން މީހުން މަރާފައިވާ ގައުމުތަކުން ކަމަށް ވެސް (އެގައުމުތަކުގެ ނަން ހާމަނުކުރައްވައި) ރާޖަޕަކްސަ ކުރިން ވަނީ ތުހުމަތު ކުރައްވާފަ އެވެ. އެމެރިކާގެ މިފިއްތުންތަކާ ގުޅިގެން، ސްރީލަންކާ ސަރުކާރުން ވަނީ އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ އެމެރިކާގެ އިސް މަންދޫބު (އެމްބަސެޑަރު އެޓް ލާޖް ގެ ގޮތުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ) ކެތްރިން ރަސަލް ސްރީލަންކާ އަށް ވަޑައިގަތުމަށް ވިސާ ދިނުމަށް މިހަފްތާގައި ދެކޮޅު ހަދާފަ އެވެ. ސްރީލަންކާގެ މިފިޔަވަޅާ މެދު އެމެރިކާ ވަނީ ހިތާމަކުރާ ކަމަށް ބުނެފަ އެވެ. (ނޫސްއެޖެންސީތައް)