މަސްތުވާތަކެތި ބޭނުންކުރާ މީހުން ރިހަބިލިޓޭޝަން ސެންޓަރުގައި ފަރުވާ ހޯދައި ނިމޭއިރު އެފަދަ މީހުންނަކީ ޒިންމާދާރު މަސައްކަތްތަކެއް ދަސްވެފައި ތިބޭ ބަޔަކަށް ހަދަންޖެހޭ ކަމަށް ޑްރަގް ކޯޓު ހިންގުމާ ހަވާލުވެހުންނެވި ގާޒީ މަހާލު އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަށް ޑްރަގް ކޯޓުން ކަނޑައަޅާފައިވާ ތަރައްގީގެ އޮނިގަނޑު އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަހާޒު ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ދެވޭ ފަރުވާގެ ޕްރޮގްރާމް މިހާރު އެކުލެވިފައި ވަނީ ވަކި ކްލާސްތަކެއް ނިންމުމަށްފަހު ވަކި މުއްދަތަކަށް ކުޑަކަމުދާތަކެތި ތަހުލީލު ކުރުމުގެ މައްޗަށް ކަމަށެވެ.

އޭނާ ވިދާޅުވީ އެކަންތައްތަކުގެ އިތުރުން ވެސް އިސްލާހުވެގެން މީހަކު މުޖުތަމައުއަށް އަންނައިރު އެމީހަކީ ކޮންމެވެސްކަހަލަ ޒިންމާދާރު މަސައްކަތްތަކެއް ދަސްވެފައިވާ މީހަކަށް ހަދަންއެބަޖެހޭ ކަމަށާއި ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައަޅާފައިވާ އެ ކޯޓުގެ ތަރައްގީގެ އޮނިގަނޑުގައި އެކަން ހިމަނާފައިވާނެ ކަމަށެވެ.

".....އެމީހަކީ މުޖުތަމައުއަށް އަންނަންވާއިރަށް ކޮންމެވެސް ކަހަލަ މަސައްކަތްތެރިކަމެއް ދަސްވެފައި ހުންނަ، ކޮންމެވެސް ކަހަލަ ޒިންމާދާރު ކަމެއް އެމީހެއްގެ ކިބައިގައި އަށަގެންފަ ހުންނަ މީހަކަށް ހަދަން އެބަޖެހޭ. މިކަންތައްތަކަކީ ޑްރަގް ކޯޓުން އޭގެ ޒާތުގައި ކުރާ ކަންތައްތަކެއް ނޫން. އެހެންނަމަވެސް ނޭޝަނަލް ޑްރަގް އެޖެންސީއާ ޑްރަގް ކޯޓާ ގުޅިގެން ކުރަންޖެހޭ ކަމެއް. މިކަންކަން އަޅުގަނޑުމެންގެ ފުރަތަމަ ސިޔާސަތުގައި އަލިއަޅުވާލެވިފައިވާނެ،" މަހާޒު ވިދާޅުވި އެވެ.

މައިގަނޑު ފަސްކަމެއްގެ މައްޗަށް އެކުލެވާލާފައިވާ އެ އޮނިގަނޑުގައި ކޮންމެ ސިޔާސަތަކާ އެކު ހާސިލުކުރަންޖެހޭ ވަކި ލަނޑުދަނޑިތަކެއް އެކުލަވާލެވިފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ޑްރަގް ކޯޓުން ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައަޅާފައިވާ ތަރައްގީގެ އޮނިގަނޑު އިފްތިތާހުކޮށްދެއްވީ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިނެވެ. އެ ރަސްމިއްޔާތުގައި ޑަރަގް ކޯޓުގެ ގާޒީންނާއި މުވައްޒަފުން ވެސް ވަނީ ބައިވެރިވެވަ އެވެ.