އަންނަ މާޗް މަހުގެ 22 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކަވަރު ކުރުމުގައި ސަންގެ ނިއުސް ޓީމާ ގުޅިގެން ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރާން ބޭނުންވާ ފަރާތްތަކަށް އެކަމުގެ ފުރުސަތު މިއަދު ހުޅިވައިލައިފި އެވެ.

މި ފުރުސަތު ހުޅުވައިލައިފައި ވަނީ މިއަދުން ފެށިގެން މި މަހުގެ 9 ވަނަ ދުވަހުގެ ހަވީރު 05:00 އާއި ހަމައަށެވެ.

ސަންގެ މެނޭޖްމަންޓުން ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ މައުލޫމާތުތައް ތާޒާ ކަމާ އެކު ރައްޔިތުންނާ ހަމަޔަށް ގެނެސްދިނުމަށް ޓަކައި، ވީހާ ވެސް ގިނަ ވޮލަންޓިއަރުންނަށް އެ ކަމުގައި ބައިވެރިވުމުގެ ފުރުސަތު ދޭން ނިންމާފައިވާ ކަމަށެވެ. އެ ގޮތުން ވޮލަންޓިއަރުން މަސައްކަތް ކުރާނީ އެކި ދާއިރާ ތަކުގައި ސަންގެ މޮނިޓަރުންގެ ގޮތުގައި ފާސް އަޅައިގެން ކަމަށާއި ވޯޓުލުމާއި ނަތީޖާ އިއުލާނު ކުރުމުގެ މަރުހަލާގައި އެ މޮނިޓަރުން ސަންގެ މައި ނިއުސްރޫމާ ގުޅިގެން މުހިންމު މަސައްކަތް ތަކެއް ކުރާނެ ކަމަށް ސަންގެ މެނޭޖްމެންޓުން މައުލޫމާތު ދެއެވެ.

"ވޯޓުލުމުގެ ކަންތައް ތަކާއި ނަތީޖާ އިއުލާނު ކުރުމުގެ މަރުހަލާގައި ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ދައުރު ވަރަށް ބޮޑު ވާނެ. އެ ބޭފުޅުންނަށް ސަންގެ މޮނިޓަރުން ކަމުގެ ފާސް ލިބިވަޑައިގަންނަވާނެ. އެ ގޮތުން ނޫސްވެރީންނަށް ލިބޭ ހުރިހާ އިޚުތިޔާރުތައް ލިބިގެން ދާނެ،" ސަންގެ މެނޭޖްމެންޓުން ވާހަކަދެއްކެވި އޮފިޝަލު ވިދާޅުވި އެވެ.