05 Feb 2014, 22:45
ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމަށް ވީހާވެސް އަވަހަކަށް ބޭފުޅަކު އައްޔަންކޮށްދެއްވުމަށް އުއްތަމަފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ރައްޔިތުންގެ މަޖިލީހަށް ގޮވާލައްވައިފި އެވެ.
އުއްތަމަ ފަނޑިޔާރު އެކަމަށް ގޮވާލެއްވީ ޑްރަގް ކޯޓުގެ ތަރައްގީގެ އޮނިގަނޑު އިފްތިތާހުކުރުމަށް މިރޭ ބެއްވި ރަސްމިއްޔާތަށް ފަހު ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުންނެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ދައުރުން ބޭރުން ޖަލްސާތައް ބާއްވައިގެން މިހާރުވެސް ރައްޔިތުންގެ މަޖިލީހުން މަސައްކަތްތަކެއް ކުރަމުންއަންނަ ކަމަށާއި ދައުރުން ބޭރުން ބާއްވާ ޖަލްސާތަކުގައި ވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށެވެ.
"އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންނަށް ދަންނަވަން ވީހާވެސް އަވަހަކަށް އެކަން ކޮށްދެއްވާށޭ. ދިވެހިރާއްޖޭގެ ރައްޔިތުންގެ ހައްގުގައި ޖިނާއީ އަދުލުގެ ނިޒާމް ފުރިހަމަ ކުރުމުގެ މަސްލަހަތުގައި އެކަން އެބަޖެހޭ ކުރަން. ޕްރޮސެކިއުޓާ ޖެނެރަލް އައްޔަން ނުވެދާ ކޮންމެ ދުވަހަކީ ކަންބޮޑުވާން ޖެހޭ ދުވަހެއް،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ގާނޫނުގައި ބުނެފައިވާ މުއްދަތު ފަހަނައަޅައި ދިޔައިރުވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެވިފައި ނުވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އަދި އެއީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ގާނޫނުގައި ޓައިމްލައިނެއްދީފަ ވަކިމުއްދަތެއްގެ ތެރޭގައި ކަމެއް ކުރަން ބުނެފަ އޮންނަ ކަމަށް ވާނަމަ އެ މުއްދަތުގެ ތެރޭގައި އެކަމެއް ކުރައްވަންޖެހޭނެ. އެހެންވީމަ 30 ދުވަހުގެ ތެރޭގައި ޕްރޮސެކިއުޓާ ޖެނެރަލް އިންތިޚާބު ނުވެ ދިޔުމަކީ ކަންބޮޑުވާންޖެހޭ ކަމެއް. ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް ކުރިމަތިވެފައި އޮތް ވަރަށް ބޮޑު ގޮންޖެހުމެއް،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ދައުވާ ކުރާނެ ފަރާތެއް ނެތި ޖިނާއީ އަދުލުގެ ނިޒާމް ފުރިހަމަގޮތުގައި ކުރިއަށްނުދާނެ ކަމަށާއި ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގެ އެއްބައި މިހާރު އޮތީ ހުސްކަމެއްގެ ތެރޭގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ކަމުގެ މަގާމުގައި ހުންނެވި އަހްމަދު މުއިއްޒު އިސްތިއުފާ ދެއްވާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ދުވަހު އެވެ. މުއިއްޒު އިސްތިއުފާދެއްވީ އެމަނިކުފާނުގެ އިތުބާރުނެތްކަމުގެ މައްސަލައެއް އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާ ގުޅިގެންނެވެ.