05 Feb 2014, 17:17
އަޅުގަނޑުގެ ދަރިފުޅު ކިޔަވަނީ މަޖީދިއްޔާ ސްކޫލްގެ ގްރޭޑް 8 ގައެވެ. ބައެއް ދުވަސް ދުވަހު ދަރިފުޅު ބަލައި އިސްކޫލަށް ދަނީ އަޅުގަނޑެވެ. ދަރިފުޅުގެ ދަބަސް ބަރު ކަމުން އުފުލަނީ އަޅުގަނޑެވެ. ބައެއް ދުވަސް ދުވަހު ބަރެއް ނޫނޭ ބުނެފައި އަޅުގަނޑުގެ އަތަށް ދަބަސް ނުދޭން ވެސް ދަރިފުޅު އުޅެއެވެ. ގެ ހުންނަނީ ފަސް މިނިޓެއްހާއިރުން ހިނގާފައި ދެވޭ ހިސާބުގައި ކަމަށް ވާތީ ގެއަށް ދަނީ ހިނގާފައެވެ.
ފިސާރި ތެދެއް ދަންނަވަންތޯއެވެ؟ ދަރިފުޅުގެ ފޮތް ދަބަސް އަޅުގަނޑަށް ކިރިޔާ އުފުލައި ލެވެނީއެވެ. ބަރު ކަމުންނެވެ. އަޅުގަނޑަކީވެސް އާދައިގެ ދިވެއްސަކަށް ވާތީ ބަރުވާ ކޮންމެ ފަހަރަކު ހިތާހިތުން ކުދި ކިޔެއެވެ. ފޮތްތައް މިޔަށްވުރެ ލުއި ކުރެވޭނޭ ގޮތެއް ހަމަ ނެތީ ބާވައޭ ހިތަށް އަރައެވެ. ތިން އަހަރު ވާންދެން މެދު ނުކެނޑި މިހައި ބަރު ދަބަހެއް އުފުލަން ޖެހުނީމާ ދަރިފުޅުގެ މައިބަދައަށް ވާނީ ކިހިނެއް ބާވައޭ ހިތަށް އަރައެވެ. އަޅުގަނޑުގެ ދަރިފުޅަށް ވުރެ ހަށިގަނޑު ނިކަމެތި ކުދިން، އެ ބަރު ދަބަސް ބުރަކަށީގައި އަޅުވައިގެން ދާތަން ފެނުނީމާ ކުރެވޭ ފިކުރު އަދި މާ ބޮޑު ވެއެވެ.
ޞިއްޙީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ކުދިންގެ ދަބަހުގެ ބަރުދަން (ފޮތާއެކު) އެ ކުއްޖާގެ މުޅި ބަރުދަނުގެ 10 އިންސައްތައަށްވުރެ ބަރު ވެގެން ނުވާނެއެވެ. މާނައަކީ 50 ކިލޯގެ ބަރުދަން ހުންނަ ކުއްޖެއްގެ ދަބަހުގެ ބަރުދަން ވާން ވާނީ 5 ކިލޯ އަށެވެ. އެކަމަކު އަޅުގަނޑުގެ ދަރިފުޅުގެ ދަބަސް އެއަށްވުރެ މާ ބަރެވެ. އެހެން ބެލެނިވެރިން ވެސް މިހެން ވިދާޅުވާނެކަން އަޅުގަނޑަށް ޔަގީނެވެ.
ބަރު އެއްޗެހި ކޮނޑުގައި ނުވަތަ ބުރަކަށީގައި އެލުވައިގެން ހިނގުމުގެ ސަބަބުން ލިބޭ ގެއްލުންތައް ވަރަށް ގިނައެވެ. ކުއްލިއަކަށް ވެދާނެ ކަމެއް ކަމަށް ޑަކްޓަރުން ވިދާޅުވަނީ ކަނދުރާ އާއި ކޮނޑުގައި ރިއްސުމާއި، އަތް އައްސި ވުމެވެ. ކުއްޖާ ސީދަލަށް ރީތިކޮށް ހެދި ބޮޑުވަމުން އަންނަ އައުން މަޑު ޖެހުމެވެ. ނުވަތަ ހުއްޓުމެވެ. ގިނަ ދުވަސްތަކެއް ވާންދެން މި ދެންނެވި ފަދަ ގޮތަކަށް ބަރު އެއްޗެހި އުފުލުމުގެ ސަބަބުން ކަނދުރާ އާއި ކޮނޑުގައި ރިއްސާ ރިއްސުން ބޮޑުވެ، ބޮލުގައި ރިއްސާ ގޮތް ވެއެވެ. މައިބަދަ ގުދުވެ، ކުއްޖާގެ ހަށިގަނޑު އުފެދޭ ގޮތަށް ބަދަލު އައިސް، ގުދުލާ ގޮތް ވެއެވެ. ފުއްޕާ މެޔަށް ކުރާ ބާރު ބޮޑު ވެގެން ގޮސް ނޭވާލާން އުނދަގޫވާ ގޮތް ވެއެވެ. މި ނޫނަސް މިފަދަ އެތައް ގެއްލުމެއް ޑަކްޓަރުން ފާހަގަ ކުރެއެވެ.
ޑަކްޓަރުން ވިދާޅުވާ ގޮތުގައި ކޮނޑުގައި އަޅުވާ ދަބަހަކުން ލިބޭ ގެއްލުމަށް ވުރެ ބުރަކަށީގައި އަޅުވާ ދަބަހަކުން ލިބޭ ގެއްލުން ކުޑައެވެ. ބުރަކަށީ ދަބަހަކަށް ވިޔަސް ކޮނޑުގައި އަޅުވާ ވާ ފަށާއި، ބުރަކަށީގައި ޖެހޭ ތާނގައި އިސްޕަންޖު ލާފައި ހުރެއްޖެ ނަމަ ލިބޭ ގެއްލުން ވެސް ކުޑައެވެ. ދަބަސް ބުރަކަށީގައި އެޅުވީމާ ކުއްޖާ ކުޑަކޮށް ނަމަވެސް ގުދުވެގެން އޮންނަ ނަމަ ނުވަތަ ކުއްޖާ އިތިކޮށް ހުންނަ ނަމަ ދަބަސް މާ ބަރީއެވެ.
މި ދެންނެވުނީ މައްސަލައިގެ ވާހަކައެވެ. އަޅުގަނޑުގެ މި ލިޔުމުގެ ބޭނުމަކީ ކިޔަވާ ކުދިންގެ ދަބަސް ލުއި ކުރަން އެޅިދާނޭ ކަމަށް އަޅުގަނޑަށް ފެންނަ ބައެއް ފިޔަވަޅުގެ ވާހަކަ ދަންނަވައިލުމެވެ.
އެންމެ ފުރަތަމަ ކަމަކަށް އިސްކޫލުގައި ކިޔަވަން ގެންގުޅޭ ޓެކްސްޓް ފޮތް ލުއި ކުރެވޭނޭ ގޮތެއް ހޯދަން ވީއެވެ. ލުއި ކުރެވޭނޭ ކަމަށް އަޅުގަނޑަށް ފެންނަ ތިން ގޮތެއް އެބަ އޮތެވެ. އެއް ގޮތަކީ ފޮތް ބައިބައި ކޮށްލުމެވެ. ކޮންމެ ޓާމަކަށް ބައެއް ވަކިން ޗާޕު ކުރުވުމެވެ. މިއީ ފަހަރެއްގައި ޚަރަދު ބޮޑު ގޮތަކަށް ވެދާނެއެވެ. ދެވަނަ ގޮތަކަށް އަޅުގަނޑަށް ފެންނަނީ ލުއި ކަރުދާހަކުން ފޮތް ޗާޕު ކުރުވުމެވެ. ޗާޕު ކުރަން ގެންގުޅޭ ކަރުދާހުގެ ތެރޭގައި [ބުކް ޕޭޕަރ] އޭ ޢާއްމުކޮށް ކިޔައި އުޅޭ ކަރުދާހެއް ހުރެއެވެ. ބޭރު ތަންތާގައި ވާހަކަ ފޮތް ޗާޕު ކޮށްފައި އެ ހުންނަ އަނދިރި ކަރުދާހަކީ އެއީއެވެ. ރާއްޖޭގައި އެ ކަރުދާހުގައި ދިވެހި ފޮތް ޗާޕު ކޮށްފައިވެސް އެބަ ހުއްޓެވެ. އެ ކަރުދާހުގައި ޗާޕު ކުރުވީމާ ފޮތް ވަރަށް ލުއި ވާނެއެވެ. ތިން ވަނަ ގޮތަކީ ހަމަ އެއް ގޮތަކަށް ވެސް ޓެކްސްޓް ފޮތް ޗާޕު ނުކުރުވުމެވެ. އިލެކްޓްރޯނިކް ޓެބްލެޓްތައް ބާޒާރުން ލިބެން އެބަހުއްޓެވެ. އެހެންވީމާ ޓެކްސްޓް ފޮތްތަކުގެ ސޮފްޓް ކޮޕީ ކުދިންނަށް ދޭނީއެވެ. ޓެބްލެޓެއް އިސްކޫލުން ގަނެދޭން އުނދަގޫ ކަމަށް ވާނަމަ އަހަރަކަށް ބަހާލައިގެން ފައިސާ ދައްކާ ގޮތަށް ކޮންމެ ކުއްޖަކަށް ޓެބްލެޓެއް ހޯދައި ދެވިދާނެއެވެ. ނުވަތަ އެގޮތް ސަރުކާރަށް ބުރަވާ ނަމަ، ޓެބްލެޓެއް ހޯދުމަކީ މައިންބަފައިންގެ ޒިންމާއަކަށް ހަދާށެވެ. ހަމަ ގައިމުވެސް ދެތިން ސަތޭކަ ޑޮލަރަށްވުރެ އަޅުގަނޑުގެ ދަރިފުޅުގެ މައިބަދަ އަޅުގަނޑަށް މުހިއްމެވެ. އެހެންވީމާ އަޅުގަނޑު ޓެބްލެޓެއް ގަންނާނަމެވެ. ނުގަންނާނޭ ހަމަ އެންމެ ބެލެނިވެރިޔަކުވެސް ހުންނާނޭ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެއެވެ. ޓެބްލެޓެއް ހޯދީމާ ކަލްކިއުލޭޓަރުގެ މައްސަލަވެސް ޙައްލުވީއެވެ.
މި ދެންނެވުނީ ޓެކްސްޓް ފޮތުގެ ވާހަކައެވެ. ދެން އޮތީ ނޯޓު ފޮތުގެ ވާހަކައެވެ. އެ މައްސަލަ ޙައްލު ކުރުމަކީ މާ ފަސޭހަ ކަމެއް ކަމަށް އަޅުގަނޑަށް ފެނެއެވެ. އެންމެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި ކޮންމެ މާއްދާއަކަށް ބޮޑު މޮނީޓަރު ފޮތެއް އޮތުމުގެ ބަދަލުގައި ހައެއްކަ މާއްދާއަށް އެއް ފޮތް އޮންނަ ގޮތް ހަދާނީއެވެ. ފަސް މާއްދާއަށް ބައި ކޮށްފައި ހުންނަ ނޯޓު ފޮތް މިހާރުވެސް ބާޒާރުގައި އެބަ ހުއްޓެވެ. ކަނާތުން ވާތަށް ލިޔާ ހުރިހައި މާއްދާއަށް އެއް ފޮތް، ވާތުން ކަނާތަށް ލިޔާ މާއްދާތަކަށް އެއް ފޮތް އޮތީމާ ފުދޭނެއެވެ. މިއީ އެއް ގޮތެވެ. އަނެއް ގޮތަކީ ހަރު ބޭރުގަނޑު ލާފައި ހުންނަ މޮނީޓަރު ފޮތުގެ ބަދަލުގައި ތުނި، މަޑު ބޭރުގަނޑު ލާފައި ހުންނަ ފޮތް ބޭނުން ކުރުމެވެ.
މި ހުރިހައި ކަމަކާއެކު ވެސް ކުލާހުގައި ކޮންމެ ކުއްޖަކަށް ތަޅުލެވޭ ވަތްގަނޑެއް ނުވަތަ ކުޑަ އަލަމާރިއެއް ހުރުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ.
އަޅުގަނޑު މި ޚިޔާލު ފާޅުކޮށްލީ ވަރަށް ބޮޑު އެދުމަކާ ވެސް އެކީގައެވެ. އެއީ ކިޔުންތެރިންގެ ޚިޔާލު ހޯދުމެވެ. އަޅުގަނޑު ބޭނުން ވަނީ ކިޔުންތެރިން ދެކެވަޑައިގަންނަވާ ގޮތް ޚިޔާލުފުޅުގެ ގޮތުގައި ހުށަހެޅުއްވުމެވެ. އަޅުގަނޑުގެ ބުއްދިއަށް ނާންނަ ވަރަށް ރަނގަޅު ޙައްލުތައް ދެނެވަޑައިގަންނަވާ ބޭފުޅުން އުޅުއްވާނޭކަން ގައިމެވެ. އެފަދަ ބޭބޭފުޅުންގެ ޚިޔާލުފުޅުތައް ޝާއިޢު ކުރެވުނީމާ އެ ޚިޔާލުފުޅުތަކާ އެކު މި ލިޔުން ވެގެން ދާނީ ކަމާ ބެހޭ ފަރާތްތަކަށް އެރުވޭ [ޚިޔާލު ރުނބަ] އަކަށެވެ. އަވަހަށް ޚިޔާލުފުޅުތައް ލިޔުއްވަން ފައްޓަވާށެވެ. މިއީ އަޅުގަނޑުމެންގެ ދަރިންނަށް ޓަކައި ފާޅު ކުރެވޭ ޚިޔާލެވެ.