އިޓަލީގެ ގާނޫން ހަދާމަޖިލީހުގެ ތިރިގޭގައި އެގައުމުގެ ބޮޑުވަޒީރު ސިލްވިޔޯ ބަލުސްކޯނީގެ މައްޗަށް ނެގުނު އިތުބާރުގެ ވޯޓަކުން ވަރަށް ހަނިގޮތަކަށް އޭނާ ސަލާމަތްވެވަޑައިގެންފި އެވެ. ބަލުސްކޯނީއަށް ކާމިޔާބު ލިބިވަޑައިގަތީ އެންމެ ތިންވޯޓުގެ ތަފާތަކުންނެވެ. ގާނޫން ހަދާމަޖިލީހުގެ ހަސަތޭކަ ތިރީސްގޮނޑީގެތެރެއިން އޭނާއަށް ތާއީދުއޮތްކަން ތިންސަތޭކަ ސާދަ މެމްބަރުން ފާޅުކުރިއިރު ތިންސަތޭކަ އެގާރަ މެމްބަރުން އޭނާއާ ދެކޮޅަށް ވޯޓްދެއްވި އެވެ. ވަކިކޮޅަކަށް ވޯޓްނުދީ ދެމެމްބަރަކު ތިއްބެވިއެވެ.އިޓަލީގެ ގާނޫން ހަދާމަޖިލީހުގެ މަތިގޭންވެސް ވަރަށް ހަނި އަޣްލަބިއްޔަތަކުން އިތުބާރުގެވޯޓު ބަލުސްކޯނީ މިދިޔަ އަންގާރަ ދުވަހު ކާމިޔާބު ކުރައްވާފައިވެ އެވެ. އިޓަލީގެ ޤާނޫނުހަދާ މަޖިލީހުން އޭނާއަށް އިތުބާރު އޮތްކަން ހާމަކުރުމާއެކު އެޤައުމުގެ މަގުތަކަށް އޭނާއާއިދެކޮޅު މީހުންނުކުމެ ވަރަށް ބޮޑަށް ހަމަނުޖެހުންހިންގައި ވެހިކަލްތަކަށް ގެއްލުންދޭން ފެށުމުން ފުލުހުން ނުކުމެ ކަރުނަގޭސްޖަހައި ހަމަނުޖެހުން އުފެއްދި މީހުން ކޮންޓްރޯލްކުރި އެވެ. މިހަމަނުޖެހުންތަކުގައި ނުވަދިހައެއްހާމީހުން ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވެ އެވެ. ހާނިއްކަވެފައިވާ މީހުންގެތެރޭގައި ފަންސާސް ފުލުހުންނާއި އާއްމުންގެ ސާޅީސް މީހުން ހިމެނެއެވެ. އިޓަލީ ބޮޑުވަޒީރުގެ މައްޗަށް ކޮރޮޕްޝަނާއި ޖިންސީ ފަޟީޙަތުގެ މައްސަލަތަކެއްގައި ތުހުމަތުކުރެވި އޭނާއާއި ދެކޮޅުހެދުންތައް އިޓަލީގައި އިތުރުވެގެން ގޮސްފައިވެ އެވެ. މީގެއިތުރުން ބާލުސްކޯނީގެ ސުލޫކު ހުންނަގޮތުންވެސް މިފަހަކަށް އައިސް އޭނާގެ މަގްބޫލްކަން ވަނީ ވަރަށްބޮޑަށް ދަށްވެފަ އެވެ. އުމުރުފުޅުން ހަތްދިހަ ހަތަރު އަހަރުގެ ބެލެސްކޯނީއަކީ އިޓަލީގެ އެހެން ސިޔާސީލީޑަރުންނާ ތަފާތު ބޭފުޅެކެވެ. އިދިކޮޅު ފަރާތްތަކުގެ ފިއްތުންތަކާއެކުވެސް އޭނާވަނީ ފަސްއަހަރުގެ ދައުރެއްގެ ދެބައިކުޅައެއްބައި ކަޑައްތު ކުރައްވާފަ އެވެ.